ޚަބަރު

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެކަމެއްނޫން: ރައީސް ޑރ. ވަޙީދު


  • ރައީސްގެ ދަރިކަލުންނަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ވަނީ ކުށްވެރިކުރައްވާފައި

  • ސީޔާސީ ބޭނުމަށް ސީޔާސީ މީހުންގެ އާއިލާތަކަށް ޙަމަލާދިނުން ހުއްޓާލަންޖެހޭކަމަށްވެސް ވިދާޅުވި

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ނިސްބަތްކުރައްވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާތީ އެކަން ކުށްވެރި ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސް ޑރ. ވަޙީދު ވިދާޅުވީ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާކަމެއްކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައީސް ޑރ. މުޢިއްޒުގެ އާއިލާއަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.


ކުރީގެ ރައީސް ޑރ. ވަޙީދުގެ އިތުރުން ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމުންވެސް ގެންދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަތުން ކުށްވެރިކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި 3 ފަރާތަކަށް ދައުވާކުރުމަށް އާއިލާއިން ވަނީ ނިންމަވާފައެވެ.