ޚަބަރު

މީހަކު ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ އޭނާގެ އަމަލުތައް ބައްޓަންކުރާ ގޮތެއްގެ މައްޗަށް: ޑރ. ވަޒީރު ޝަހީމް


  • އިންސާނާ މި ބިންމަތީގައި ޚަލީފާވެރިކުރައްވައިފައިވަނީ ﷲގެ އަމުރު ތަޢުމީރުކުރުމަށް

  • ހަލާކުގެ ތެރެއަށް ދިއުމަކީ އިންސާނާގެ އަމާލާއި ގުޅިފައިވާ ކަމެއް

އިންސާނާއަށް މި ކައުނުގަ ލައްވާފައިވާ ނިޢުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީ އިންސާނުންގެ އަމަލުތައް ބައްޓަންކުރާ ގޮތްތަކެއްގެ މައްޗަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ދެވަނަ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

"ކީރިތި ޤުރުއާނާއި ކައުނީ ސުންނަތް" މި މަޢުޟޫއަށް ތަޤްރީރުކުރައްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ކައުނު ﷲ ސުބްހާނަހޫ ވަތައާލާ ތަސްޚީރުކޮށް ކިޔަމަންތެރި ކުރައްވައިފައިވަނީ އިންސާނާއަށްޓަކައިކަމަށެވެ. އަދި އިންސާނާ މި ބިންމަތީގައި ޚަލީފާވެރިކުރައްވައިފައިވަނީ، ﷲގެ އަމުރު މި ބިންމަތީގައި ތަޢުމީރުކޮށް ނުވަތަ އުމްރާނީ ގޮތުން މި ބިން ކުރިއަރުވައި ތަރައްޤީކުރުމާއެކު މި ބިންމަތީގައި ﷲގެ އެއްކައުވަންތަކަން ޤާއިމްކުރުމުގެ މަތިވެރި މަޤްޞަދުގައިކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ﷲ ސުބްހާނަހޫ ވަތަޢާލާ ގުރުއާނުގައި ބަޔާންކުރައްވައިފައވަނީ، މި ބިންމަތީގައި ﷲ ސުބްހާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ހުރިހާ ތަކެއްޗެއްވެސް ލައްވާފައިވަނީ އިންސާނާއަށް ޓަކައި. މި ކާއިނާތުގަ ﷲ ސުބްހާނަހޫ ވަތައާލާ ލައްވާފައިވާ ހުރިހާ ތަކެއްޗެއް ލައްވައިފައިމިވަނީ އިންސާނާއަށްޓަކައި. އެކަންކަން އިންސާނާއަށް ޚިދުމަތް ކުރައްވާފަ މިވަނީ." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

އިރާއި ހަނދާއި ކަނޑުތަކާއި ރީތި ބަގީޗާތައް އިންސާނާއަށްޓަކައި ލައްވާފައިވާއިރު މިފަދަ ނިޢުމަތްތައް ރަނގަޅު އަދި ނުރަނގަޅު ގޮތަކަށްވެސް ބަދަލުވެގެންދާކަމަށާ، އެ ކަންކަން އެހެން ގޮތަކަށް ބަދަލުވެގެންދާނީ އިންސާނާ އޭނާގެ ޢަމަލުތައް ބައްޓަންކުރިގޮތަކަށްކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މި ކައުނުގަ މި ލައްވާފައިވާ މި ހަޤީޤަތްތަކަކީ މިއީ އިންސާނާއަށް ޚިދުމަތް ކުރެއްވުމަށް ލައްވާފައިވާ ކަންތައްތަކެއްކަމަށް. މި ކަންކަން އެހެން ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ނުވަތަ ހަލާކުގެ ތެރެއަށް ދިއުމަކީ އިންސާނާގެ އަމާލާއި ގުޅިފައިވާ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެ މީހަކަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކާމެދު ޝުކުރުވެރިވެ ދުނިޔެއާއި އާޚިރަތުގައި ލާބައާއި މަންފާ ހޯދުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޕީއެންސީން ބާއްވާ ސިލްސިލާ ދަރުސްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. މި ދަރުސް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 21:30ގައެވެ. މި ފޯރަމްތަކުގައި ވަޒީރުންނާއި، ޕިއެންސީގެ އިސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެެވެ.