ޚަބަރު

އީސްޕޯޓްސް ކުރިއަރުވަން އަތޮޅުތެރޭގައި ވަސީލަތްތައް ގާއިމުކުރާނަން: ޒުވާނުންގެ ވަޒީރު


އީސްޕޯޓްސް އަކީ ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށް ފާހަގަކުރެވޭ ކަމަށާއި، ހަމައެކަނި މާލޭގައި އީސްޕޯޓްސް މުބާރާތްތައް ބޭއްވުމުގެ އިތުރުން އަތޮޅުތަކާއި ސިޓީތަކުގައި މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާން މަހު ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، މިނިސްޓްރީގެ ތާޑްވޭ ސްޕޭސްގައި ބޭއްވި އީސްޕޯޓްސް ފެސްޓިވަލުގެ ފައިނަލް މެޗުތަކެއް ބައްލަވާލެއްވުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތެރޭގައި އީސްޕޯޓްސް ކުރިއެރުވުމަށް އިންސްފްރާސްޓްރަކްޗަރތައް މިއަހަރު ތެރޭގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"އަތޮޅުތެރޭގައި ސިޓީތަކުގައި އަޅުގަނޑުމެންނަށް ހުޅުވާލެވިގެން މިކަން ކުރެވިއްޖެނަމަ އަދި މިއަށްވުރެ މާ ގިނަޒުވާނުން ބައިވެރިވާނެ ކަމާމެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެތް ނެތް. މާލޭގައި އެކަނި ތިން ދުވަހަށް ބޭއްވި މި މުބާރާތުގައި (އުރީދޫ ނޭޝަން ރަމަޟާން ފެސްޓިވަލް) މިވަނީ 200އަށްވުރެ ގިނަ މީހުން ބައިވެރިވެފަ. ދެން އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރތައް އެކި އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް އިރާދުކުރެއްވިޔާ މިއަހަރުތެރޭގައި ކުރެވިގެންދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޒުވާނުންގެ މަރުކަޒުތަކުގެ ތެރޭގައި އީސްޕޯޓްސްއަށް ހާއްސަ ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށާއި، އީ ސްޕޯޓިން އާއި އީ ސްޕޯޓިން އާއި ގުޅުންހުރި އަދި މީގެ އިތުރަށް ޒުވާނުންގެ ޝައުގުހުރި އެންމެހާ ކުޅިވަރުތައް އެތަންތަނުގައި ބަރާބަރަށް ކުޅެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޒުވާނުންގެ ވަޒީރު ވިދާޅުވި އީ ސްޕޯޓްސް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެއް ކަމަށާއި، ޒުވާނުންނާއި ގުޅުންހުރި މިފަދަ ކަންކަން ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ.