ކުޅިވަރު

އަމާޒަކީ މި ފަހަރުވެސް ތަށި ހޯދުން: އަންޗެލޮޓީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު، ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ހިންދެމިލައިފިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން ހޯދި ކާމިޔާބީގެ ސަބަބުން ވަކިން ޚާއްސަ އުފަލެއް ލިބިފައިވަނީ ޓީމުގެ ކޯޗު އަންޗެލޮޓީއަށެވެ. އޭނާ ބުނެފައިވަނީ ޓީމުން އެ ދުވަހު ދެއްކީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްވެސް އަމާޒު ހިފާފައިވާއިރު، އެތުލެޓިކޯއާ ވާދަކުރި މެޗުގެ ނަތީޖާ ނެރުނީ އެގްރިގޭޓް ނަތީޖާ 2-2 އިން އެއްވަރުވުމާއެކު ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ރެއާލް މެޑްރިޑް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރެއާލް މެޑްރިޑް ބައްދަލުކުރަން ހަމަޖެހިފައިވަނީ އާސެނަލްއާއެވެ. ކުއާޓާ ފައިނަލްގައި އާސެނަލްއާ ބައްދަލުކުރާ މެޗަށް ކުޅުންތެރިން ހުށިޔާރުވެތިބުމަށް އަންޗެލޮޓީ ވަނީ އިރުޝާދުދީފައެވެ.

"ކުޅުން އޮޅުންބޮޅުންގަނޑަކަށް ހަދާނުލަން އަހަރެންވާނީ ކުޅުންތެރިންނަށް ނަސޭހަތްތެރިވެފައި" ކުޅުންތެރިންނަށް އަމާޒުކޮށް އަންޗެލޮޓީ ބުނެފައިވެއެވެ.

އަންޗެލޮޓީ މިހެން ބުނެފައިވަނީ އެތުލެޓިކޯއާ ބައްދަލުކުރި މެޗަށް އިޝާރާތްކޮށެވެ. އެ މެޗަކީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި މެޗެއް ކަމަށް އޭނާ ބުންޏެވެ. އިދިކޮޅުން އެންމެ ލަނޑެއް އިތުރަށް ޖަހައި، 2-1 އަށް ނަތީޖާ އަނބުރާލި ނަމަވެސް ރެއާލް މެޑްރިޑުގެ ކުޅުންތެރިންގެ ކޮންޓްރޯލް ގެއްލި، ޓީމު ބޮއްސުންލީސް ކަމަށް ކޯޗު ބުންޏެވެ. މެޗުގެ ކޮންޓްރޯލް ރެއާލް މެޑްރިޑުން ދެމެހެއްޓި ނަމަވެސް، ކުޅުން އިތުރަށް ރަނގަޅުކޮށް، ވަކި އަމާޒަކަށް ވާސިލުވުމަށް ގަދަ އަޅާ އަދިވެސް ހިތްވަރުކުރަން ޖެހޭކަން އަންޗެލޮޓީ ފާހަގަކުރިއެވެ.

ރެއާލް މެޑްރިޑުން އަބަދުވެސް މަސައްކަތްކުރާނީ މޮޅުވާން ކަމަށާއި، އެހެންނަމަވެސް އެއްވަރުވި މެޗުތަކުގެ ސަބަބުން ނޭވާ ހިފަހައްޓާލަން ޖެހުނުކަމަށްވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ. ހެދުނު ކުޑަކުޑަ ގޯހަކުންވެސް ހިތާމަކުރަންޖެހޭ ފަދަ ނަތީޖާއެއް ނިކުމެދާނެ ކަމަށާއި، ޓީމުން އުއްމީދުކުރީ ޕެނަލްޓީއާ ހަމައަށް ނުގޮސް މެޗު ކާމިޔާބުކުރަން ކަމަށްވެސް ވަނީ ބުނެފައެވެ.

"މިއީ އާދަޔާ ޚިލާފު މޮޅުކުޅުންތެރިންތަކެއް ތިބި ކުލަބެއް. ދެންވެސް އަހަރެމެން ވާދަކުރާނީ ތަށްޓަށް. މިއީ ރެއާލް މެޑްރިޑްގެ ރޫހަކީ" ކުރިއަށް އޮތް ކުއާޓާ ފައިނަލަށްކުރާ އުއްމީދުތަކާ ގުޅޭގޮތުން އަންޗެލޮޓީ ބުންޏެވެ.