އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފިއެވެ.
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓަރމިނަލް އަދި ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އދ. ކ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.
ލޯންޗްތަކަށް ހެންވޭރު ފެރީ ޓަރމިނަލުން ޚިދުމަތް ފޯރުކޮށްދޭން ފެށުމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވީ ހެންވޭރު ފެރީ ޓާމިނަލަކީ ހުޅުލެއަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައްވެސް ކައިރި ކުރާތަނެއްނަމަވެސް އަތޮޅުތަކުގެ ލޯންޗްތަކުގެ ޝެޑިއުލުން ލިބުމުން އެވުގުތުތަކަށް އެތަނުން ފަސޭހައިން ޚިދުމަތް ލިބޭނެކަމަށެވެ.
ސަޢުދީ ވިދާޅުވީ މިހާތަނަށް ހެންވޭރު ޓަރމިނަލް ބޭނުންކުރުމަށް އެކި ފަރާތްތައް އެދުނުނަމަވެސް ހުޅުމާލޭ ފެރިޓަރމިނަލަށް ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލު ކުރަނީ ކުރިއަށްއޮތްތަނުގައި މިކަމުގެ ފައިދާ އޮޕަރެޓަރުންނަށް ލިބުނީމަ ޝެޑިއުލްތައް އެބޭފުޅުން ބަދަލުކުރުން އެކަށީގެންވޭ. މިސާލަކަށް މާލެ އައުމުގެ ކުރިން ހުޅުމާލެއަށް ފައިބަން މީހަކު ހުރިނަމަ އެތަނަށް ކައިރިކުރުމަށްފަހު މާލެ އައުމުގެ ފުރުޞަތުވެސް އޮންނާނެ." އެމްޓީސީސީގެ ސީއީއޯ ސަޢުދީ ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ވަނީ ހެންވޭރު ޓަރމިނަލަކީވެސް ބާރުބޮޑު ތަނަކަށްވުމުން ލޯންޗް ފެރީގެ ޚިދުމަތް ދޭ ފަރާތްތައް ސަލާމަތީ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
އެމްޓީސީސީން ވިދާޅުވީ، މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. މި ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓަރމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެއެވެ. އަދި ހުޅުމާލޭ ފެރީ ޓަރމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ޚާއްސަކޮށްފައިވާކަމަށް އެމްޓިސީސީން ވިދާޅުވެއެވެ.
މީގެ އިތުރުން ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނެޓުގެ ވަގުތެއް ލިބޭނެކަމަށާއި ދަތުރުވެރީން ޓަރމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދެއް ޓަރމިނަލް ތެރޭ އިންތިޒާމުކުރެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓަރމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޓިސީސީން ވިދާޅުވީ ޓަރމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެކަމަށެވެ.