ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު: ކެމްޕެއިނަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ


  • މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން 3 މަސްތެރޭ %24 ދަށްވި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރެއް ފާހަގަކުރަން ވަނީ ނިންމާފައެވެ. މިއަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރާއިރު މިއީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރެއް މުޅި އަހަރަށް ދެމިގެންދާ ގޮތަށް ފާހަގަކުރާ ދެވަނަ އަހަރެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ ލަޤަބު ވިދިވިދިގެން އެތައް އަހަރަކު ހޯދަމުން އަންނަ ޤައުމެކެވެ. ރާއްޖޭގެ މައި އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވި ފަތުރުވެރިން އިތުރަށް ގެނައުމަށް އޮތް ގޮންޖެހުމަށް ހައްލު ލިބިގެން ދިއުމާއެކު ސަރުކާރުގެ އަމާޒަކަށްވީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މިކަމަށް ބާރު ދިނުމަށް މިއަންނަ އަހަރު ހުރިހާ އެންމެ ޝާމިލްވާ ގޮތަށް މުޅި އަހަރަށް ދެމިގެންދާ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ޢިއުލާން ކުރެއްވިއެވެ. އެގޮތުން މިއަންނަ އަހަރަކީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރު ކަމަށް ކަނޑައަޅާފައިވާއިރު މިއަންނަ އަހަރު ކުރިއަށް ގެންދާ ކެމްޕެއިން މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

މިއަންނަ އަހަރުގެ ކެމްޕެއިން، އަސާސަކީ ދިވެހިރާއްޖޭގެ ޤުދުރަތީ މާހައުލާއި، ސަޤާފަތެވެ. ދިވެހިންގެ އާދަކާދަތަކުން ފެށިގެން ފަތުރުވެރިންގެ މެދެގައި މަޤުބޫލު ރީތި މާހައުލު ޕްރޮމޯޓް ކުރެވޭނެއެވެ.

މިފަދަ ކެމްޕެއިނެއް އަންނަ އަހަރު ކުރިއަށް ގެންދާއިރު މިކަމުގެ ބޭނުން މިވަނީ އަހަރު ފެށުނުއިރާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރު ފެށިގެން އައިއިރު ފަތުރުވެރިކަމުގެ އަމާޒަކަށް ކަނޑައަޅާފައި އޮތީ 2.5 މިލިޔަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު ކުރީކޮޅު ފެށިގެން ދިޔަ މެދުއިރުމަތީގެ ހަނގުރާމައަކީ ދިވެހި ފަތުރުވެރިކަމަށް އޭގެ އަސަރު ކުރުވި ކަމެކެވެ. ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 20 އިންސައްތައަކީ މެދުއިރުމަތީގެ މަގުން ރާއްޖެއަށް އަންނަ ފަތުރުވެރިންނެވެ. ހަނގުރާމައިގެ ސަބަބުން ވައިގެ ސަރަހައްދު ބަންދުވުމަކީ އިޤްތިޞާދު އެކަމަކަށް ބަރޯސާވާ ފަތުރުވެރިކަމަށް އައި މަޑުޖެހުމެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ހާލަތުން އަރައިގަނެ ފަތުރުވެރިން އަދަދު މިހާރު އިތުރުވެފައިވީ ނަމަވެސް، މިހާލަތު މެދުވެރިވެ އެކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ މާރޗް މަހުން ޖޫން މަހަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު 24 އިންސައްތަ ދަށްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އަހަރުގެ މިހާތަނަށް މި ފަރަޤު ވަނީ 3.5 އިންސައްތައަށް ކުޑަކުރެވިފައި ކަމަށް ފަތުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފަހަނައަޅައި މިއަހަރު އެއަށް ވުރެ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިކަންކަމާއެކު މިއަންނަ އަހަރު ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރާއިރު، ސަރުކާރުން ތަޞައްވުރު ކުރާ އެންމެން ޝާމިލްވާ ކެމްޕެއިނެއް ކުރިއަށް ގެންދިއުން މުހިންމެވެ. އާންމު ގޮތެއްގައި މިފަދަ ކެމްޕެއިންތަކުން ފެންނަނީ ސިނާޢަތުގެ ބޮޑެތި ކުންފުނިތައް ނަމަވެސް މުޅި އަހަރަށް ދެމިގެންދާ ކެމްޕެއިނުގައި ސިނާޢަތުގެ ހުރިހާ ފަންތިއެއް އެކުގައި ފެނި ބައިވެރިވުން މުހިންމެވެ. ކައުންސިލްތަކުން ރަށްރަށުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބައިވެރިވާން ޖެހެއެވެ. މިފަދަ ކެމްޕެއިނެއްގެ ކާމިޔާބީ ބިނާވަނީ މިކަމަށް ކަން ޔަޤީނެވެ.