ކުޅިވަރު

ވެޓެރަންސް ލީގު: އީގަލްސް ބަލިކޮށް ޕޮލިސް ކުލަބަށް ފުރަތަމަ މޮޅު


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ޕޮލިސް ކުލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. އީގަލްސް ވެޓެރަންސްއާ ބައްދަލުކުރި މި މެޗު ޕޮލިހުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ޕޮލިސް ކުލަބަށް ކާމިޔާބުކޮށްދިނީ އާދަމް ނަސީމެވެ. މި ލަނޑު ޖަހަން އުޅުމުގެ ތެރޭގައި ނަސީމްގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން މި މެޗުގައި ދެން ނަސީމް ފެނިގެންގޮސްފައެއް ނުވެއެވެ.

ޕޮލިސް ކުލަބުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް އެ ޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އީގަލްސް ޓީމުގެ ގޯލްކީޕަރު މުޙައްމަދު ޒުހުރީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗުގެ ދެވަނަ ހާފުގެ މެދު ތެރެއިން ކާމިޔާބުކޮށްދިނީ ފޯވާޑް އަޙްމަދު ޝާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޮލިސް ކުލަބުގެ އަޙްމަދު ޝާހިދެވެ.

މި ނަތީޖާއާއެކު ޕޮލިސް ކުލަބު ގްރޫޕް ބީގެ ތިންވަނައަށް ޖެހިލިއިރު، ގްރޫޕުގެ އެއްވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސް އާއި ދަ ގްރާންޑޭއަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ކުޅުނު ދެ މެޗުން ބަލިވި އީގްލަސް ވެޓެރަންސް ގްރޫޕްގެ ފުލުގައި އޮތްއިރު، ސްޓެލްކޯއަށް ދެ މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.