ރަމަޟާން މަހަކީ އެ މަހެއްގައި ދުވާލުގެ ވަގުތުތަކުގައި ކެއުންބުއިމުން ދުުރުހެލިވެ ރޯދައަށް ތިބޭ މަހެކެވެ. މި ގޮތަށް ރޯދައަށް ތިބޭ ތިބުމުގައި ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ވުމަށް ނޭދޭނަމަ އަދި ގިނައިން ހަކަތަށް ހުރުމަށް ބޭނުންވާ ނަމަ ކެއިންބުއިމުގައި ބޭނުން ކުރާ ބާވަތްތައް ކަނޑައެޅުމުގައި ވިސްނަންޖެހެއެވެ. އެ ގޮތުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑަށް އެކިކަހަލަ އުނދަގޫތައް ވިޔަ ނުދިނުމަށް ހާރުދަމުގައި ބޭނުންކުރާ ކާނާއަކީ ޞިއްޙަތަށް ފައިދާހުރި ކާނާތޯ ޔަޤީން ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ހާރުގަޑީގައި ތެލުލި ކާނާއާއި ކުޅި އެއްޗެހި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. އޭގެ އިތުރުން ސަޔާއި ކޮފީ ބޭނުން ކުރުން ރަނގަޅު ނޫން ކަމަށާއި އެ ބާވަތްތައް ބޭނުން ކުރުމުން ބަނޑުގައި އެސިޑު އުފެދޭ މިންވަރު އިތުރު ކޮށްދޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އޭގެ އިތުރުން ހަކުރު ބޭނުން ކުރާ މިންވަރު ވެސް މަދު ކޮށްލުން އެދެވިގެންވެއެވެ. އެހެން ނޫންނަމަ ލޭގެ ހަކުރު އިތުރުވެ ހަށިގަނޑުން ފެން މަދުވުމަށް މެދުވެރިވެއެވެ. އެކިކަހަލަ ދަޅުދަޅާއި ބަންދުކޮށްަފައި ހުންނަ ޖޫސް ޕެކެޓާއި ތައްޔާރީ ކާނާއަކީ ވެސް އެ ބޭނުން ކުރުމުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑަށް އުނދަގޫތައް ގެނުވާ ބާވަތްތަކެކެވެ. ހަކުރު ގިނަ ބުއިންތަކާއި ފޮނި ކާތަކެތި ބޭނުން ކުރުމުން ވެސް ލޭގެ ހަކުރު ކުއްލިއަކަށް މަތި ކޮށްލައެވެ. ދެން ކުއްލިއަކަށް އެ މިންވަރު ދަށަށް ދިޔުމުން ކަރުހިއްކާ މިންވަރު އިތުރުވެއެވެ.
ދުވާލުގެ ވަގުތު ކެެއިން ބުއިމާ ދުރުހެލިވެ ތިބޭއިރު ހަށިގަނޑުގެ މެޓަބޮލިސަމް ނުވަތަ ހަޖަމް ކުރުމުގެ ބައި ދަށްވެއެވެ. އެހެންކަމުން ލޮނުގެ ބާވަތްތައް ގިނަ ކާބޯތަކެތި ހާރުދަމަށް ބޭނުން ކުރުމަކީ ހަށިގަނޑުން ފެން މަދުކޮށްދޭ ކަމެކެވެ. ތައްޔާރީ ކާނާއާއި ލޮނުލީ ކާބޯތަކެތި، މިސާލަކަށް ޗިޕްސް ފަދަ ބާވަތްތައް ވެސް ނުކާންވީ މިހެންވެއެވެ.
ބައެެއް ކަހަލަ ބާވަތްތައް ބޭނުން ކުރުމުން ދުވާލުގެ ވަގުތު ކަރުހިއްކާ ފެން ބޮވާ މިންވަރު އިތުރު ކޮށްދެއެވެ. އެ ގޮތުން ގިނައިން ލޮނާއި މިރުސް ހުންނަ ބާވަތްތަކުގެ އިރުތުން ތެލުލީ ކާނާ ބޭނުން ކުރުމުން މި ގޮތަށް ކަން ދިމާވެއެވެ. ތެލުލީ ކާނާ ހަޖަމް ވާން ނަގާ ވަގުތު އެހެން ކާނާއަށް ވުރެ ދިގެވެ. އެހެން ކަމުން މި ފަދަ ކާނާ ހާރުދަމަށް ބޭނުން ކުރުމުން ދުވާލުގެ ވަގުތުތަކުގައި ބަނޑަށް އުނދަގޫވުން ދަފަ ކަންކަން ދިމާވުން އެކަށީގެންވެއެވެ. އަދި ލޮޑުކަމާއި ވަރުބަލިކަން ވެސް އިތުރު ކޮށްދެއެވެ.
ސަޔާއި ކޮފީ ބޭނުން ކުރުން ރަނގަޅު ނުވާ މައިގަނޑު އެއް ސަބަބަކީ އޭގައި ކެފެއިން އެކުލެވިފައި ވުމެވެ. ކެފެއިން ހުަންނަ ބާވަތްތައް ބޭނުން ކުރުމުން އަނެއްކާ ވެސް ހަށިގަނޑުން ފެން މަދު ކޮށްދެއެވެ. ހަށިގަނޑުން ފެން މަދުވުމަކީ ވަރުބަލިކަން އިޙްސާސްވެ ބޮލުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވާ ކަމެކެވެ. އެއްގަމު މަހުގެ ބައެއްް ބާވަތްތަކާއި ބިހާއި މަސް ބޭނުން ކުރާ މިންވަރު ވެސް މަދު ކޮށްލުން ރަނގަޅެވެ. ބިސް ބޭނުން ކުރާ ނަމަ ހަމައެކަނި ބިހުގެ ހުދުބައި ބޭނުން ކޮށް، ގޮބޮޅި ކެއުމުން ދުރުހެލިވުން ވެސް އެދެވިގެން ވެއެވެ. މި ހުރިހާ ބާވަތަކީ ވެސް ކަރުހިއްކުން އިތުރު ކޮށްދޭ ބާވަތްތަކެވެ.
ރޯދަ ވިއްލާ ވަގުތު ބޭނުން ކުރާ ކާނާއާ މެދު ވެސް ވިސްނަން ޖެހެއެވެ. މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ގަދަޔަށް ކާލުމުން ކުއްލިއަކަށް އެ ހުރިހާ އެއްޗެއް އެއް ފަހަރާ ހަޖަމު ކުރުމަށް ހަށިގަނޑަށް އުނދަގޫވެއެވެ. އެހެންކަމުން ރޯދަ ވިއްލުމުގައި ފައިބާގެ ބައި ގިނަ ކާނާ، މިސާލަކަށް ސެލެޑާއި މޭވާފަދަ ބާވަތްތައް ފުރަތަމަ ބޭނުން ކުރުން އެދެވިގެން ވެއެވެ. އެއަށް ފަހު ދެން ކެއުން އެންމެ ރަނގަޅީ ޕްރޮޓީންގެ ބައި ގިނަ ކާނާއެވެ. އެ ގޮތުން ސަނާމުގާއި ޔޯގަޓަކީ ކެއުން އެދެވިގެންވާ ދެ ބާވަތެވެ. ރޮއްޓާއި ބަތް ފަދަ ކާބޯހައިޑްރޭޓްސް ގިނަ ބާވަތްތައް ބޭނުން ކުރަން ވާނީ އެއަށް ފަހުގައެވެ.