ޚަބަރު

ރޯދަމަހު ކޮންމެ ދުވަހެއްގެ ހަވީރު އުސްފަސްގަނޑު ސަރަޙައްދުން ޗާލު ގުޑިތަކެއް


  • ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް އެތައް ކުދިންނެއް ގުޑިއެރުވުމުގައި ބައިވެރިވޭ

  • ގުޑިއަރުވާތަން ބަލާލުމަށްވެސް އެތައް ބަޔަކު އެއްވޭ

ކޮންމެ ރަމަޟާންމަހެއްގެވެސް ހަވީރުގެ ވަގުތަކީ މާލޭގެ ވަކި ސަރަހައްދަކަށް ގުޑީގެ މޫސުމެއް އަންނަ މަހެކެވެ. ތަފާތު އެކި ޑިޒައިންތަކަށް ހުންނަ ގުޑިތައް އަރުވައި ރޯދަކުރުކޮށްލަން ނުކުންނަ އެކި އުމުރުފުރައިގެ މީހުންނާއިގެން އުސްފަސްގަނޑު ސަރަޙައްދު އޮންނަނީ ފުރިފައެވެ.

މާލޭ އުސްފަސްގަނޑަކީ ގިނަ ބަޔަކު ރޯދަކުރުކުރުމުގެ ގޮތުން ޚާއްސަކޮށް ގުޑިއެރުވުމަށް ހަވީރުގެ ވަގުތު ގޮސްއުޅޭ ސަރަޙައްދެކެވެ. ތަފާތު އެކި ކުލަތަކުގެ ތަފާތު ޑިޒައިންތަކަށް ފަރުމާކުރެވިފައިވާ ގުޑިތައް އެރުވުމަށް އެކި ޢުމުރުފުރައިގެ މީހުން އެ ސަރަޙައްދަށްދެއެވެ.

އުސްފަސްގަޑުގައި ގުޑި އެރުވުމަށް އެންމެ ޝައުގުވެރިވަނީ ކުޑަކުދިންނެވެ. އަދި ތަފާތު އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭ މަންޒަރު ބަލާލުމަށްވެސް އެތައް ކުޑަކުދިންނެއް އެސަރަހައްދަށް ދެއެވެ.

ގުޑި އެރުވުމުގެ އިތުރުން، އުސް ފަސްގަނޑަކީ ސްކޭޓުކުރުމަށްވެސް ކުދިން ދާތަނެކެވެ. ރޯދަމަހުގެ ހަވީރުގެ ވަގުތު އެ ސަރަޙައްދުގައި ގުޑިއެރުވުމާއި ސްކޭޓްކުރުން ފަދަ ކަންކަމަށް ކުދިން ގޮވައިގެން ދިއުމަކީ އާންމުކޮށް ފެންނަމަންޒަރެކެވެ.

އެހެން މަސްތަކާއި ޚިލާފަށް މި ރަމަޟާންމަހަކީ މިފަދަ ތަންތަނަށް ގިނައިން މީހުން އެއްވާ މަހަކަށްވާއިރު، މިއަހަރުގެ ރަމަޟާން މަސް ދިމާވަނީވެސް ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއެވެ. ހަވީރުގެ ވަގުތު ގިނަ އަދަދެއްގެ ކުޑަކުދިން އާއިލާތަކާއެކު އެފަދަ ޕާކު ތަކާއި މައިޒާންތަކަށް ގޮސް އެތަންތަނުގައި ވަގުތު ހޭދަކުރެއެވެ.

ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކީ އާންމުގޮތެއްގައިވެސް ގިނަބަޔަކު ފިނިބުރު ޖެހުމަށާއި ގުޑިއެރުންފަދަ ރޯދަކުރުކުރުމަށް ކުރާ ކަންތަކުގެ ތެރޭގައި ޢާއިލާގެ މެމްބަރުންނާއެކު ނުވަތަ ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުކޮޅެކެވެ. ރޯދަމަހު އުސްފަސްގަނޑުގައި ގުޑިއެރުވުމަކީ ވަކި ޢުމުރަކަށް ނުވަތަ ވަކި ޖިންސަކަށް ޚާއްސަކަމެއްނޫނެވެ. މިއީ ޒަމާނުއްސުރެ ދިވެހީންގެ ކުރަމުން އަންނަ ދިވެހިންގެ އާދައެކޭ ބުނުމުން ދޮގަކަށްނުވާނެއެވެ.

ރަމަޟާން މަސްފަދަ ބަރަކާތްތެރި މަހެއްގެ މި ދުވަސްތަކުގައި ދީނީ އަޅުކަމަށް ޚާއްސަ އިސްކަމެއް ދިނުމާއެކު، ހަވީރުގެ ވަގުތުތަކުގައި ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ވަގުތު ހޭދަކުރާއިރު އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ނުވާފަދަ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކޮށް ވަގުތުހޭދަކުރުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަން ކަންކަމެވެ.