ޚަބަރު

އެހީގެ ސާމާނު ވެއްދުން ހުއްޓުވައި ޔަހޫދީން ޣައްޒާއިން ކަރަންޓު ކަނޑާލައިފި


ފަލަސްޠީނުގެ ޣައްޒާއަށް ކަރަންޓު ފޯރުކޮށްދިނުން ޔަހޫދީން މެދުކަނޑާލައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާއަށް ކަރަންޓު ފޯރުކޮށްދިނުން ވަގުތުން މެދުކަނޑައިލުމަށް ޔަހޫދީންގެ ހަކަތައާބެހޭ ވަޒީރު އީލައި ކޯހެން ޢަމުރު ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުން ވެސް ޔަހޫދީން ހުއްޓުވާފައި ވަނިިކޮށެވެ.

ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޙަމާސާއި ޔަހޫދީންނާ ދެމެދު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ޔަހޫދީން ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގެ 42 ދުވަސް ނިމުމަކަށް އައުމުން ދެވަނަ މަރުޙަލާއަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދެކޮޅު ހަދާ، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އަނެއްކާ ވެސް ވަނީ ހުރަސްއަޅައިފައެވެ. އެއާއެކު ރަމަޟާން މަހުގައި ވެސް ޣައްޒާގެ ދެ މިނިޔަނަށް ވުރެ ގިނަ ރައްޔިތުންނަށް ވަނީ ކާބޯތަކެއްޗާއި އެ މީހުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހެނިހެން ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ނުގޮސް ޔަހޫދީން ބޭނުން ވަނީ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ކުރިން އެއްބަސްވެފައިވާ ގޮތަށް ދެވަނަ މަރުޙަލާ ފަށައި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓާލެވޭނެ މަގެއް ހޯދާށެވެ. މަޝްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީން ދެވަނަ މަރުޙަލާއަށް ދާން ބޭނުން ނުވަނީ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ފިލަޑެލްފި ކޮރިޑޯރއިން ޔަހޫދީންގެ ސިފައިން ބާލަން ބޭނުން ނުވާތީއެވެ.

ޙަމާސުން ވަނީ ޣައްޒާއަށް ކަރަންޓު ފޯރުކުރުން މެދުކަނޑައިލުމަށް ޔަހޫދީން ނިންމި ނިންމުމަކީ ވަރަށް ދަށް ފެންވަރުގެ އަދި ބަލައިނުގަނެވޭނެ ޢަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ޙަމާސުން ބުނީ އެއީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންނަށް ނިސްބަތްވާ ރަހީނުން މިނިވަން ކުރުމަށް ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ފެން އެތެރެކުރުން ހުއްޓުވުމަށް ފަހު ކަރަންޓު ކަނޑައިލަން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

އެހީދޭ ޖަމްޢިއްޔާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ވެސް ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދު އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.

ޙަމާސުން ވަނީ ޢުދުަވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ވަގުތުން ވަގުތަށް ފަށަން ގޮވައިލައިފައެވެ. މަޝްވަރާތައް ވިލަރެސްކުރާ މިޞްރުގެ ޤާހިރާގައި މަޝްވަރާތަކެއް ކުރުމަށް ފަހު ޤަތަރުގެ ދައުޙާއަށް ޙަމާސްގެ ވަފުދެއް މިހާރު ދަތުރު ކޮށްފައިވާ ކަމަށް ޙަމާސުން ބުނެއެވެ. ޔަހޫދީންގެ ވަފުދެއް ވެސް ދައުޙާއަށް ދަތުރުކުރާނެ ކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.

ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކޮށްފައި އޮތް ނަމަވެސް މާރިޗު މަހުގެ 9ވަނަ ދުވަހު ވެސް ޔަހޫދީން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ ދެ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށަށް ދިން ޙަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައި ވެސް ވެއެވެ. ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވާ ޔަހޫދީން ވަނީ އެތައް ފަހަރެއްގެ މަތިން ޚިލާފުވެފައެވެ. ރަސްމީ މަސްދަރުތަކުން ބުނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލު ކުރަން ފެށި ފަހުން ފަލަސްޠީނުގެ 116 ރަައްޔިތުން ޝަހީދުކޮށްލައި 490 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ. ޙަމާސުން އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަކަށް ވީހާ އަވަހަށް ދާން ބޭނުންވަނީ ޣައްޒާއިން ޔަހޫދީ ސިފައިން ބޭލުމުގެ ބޭނުމުގައެވެ.