ކުޅިވަރު

ގައުމީ ފުޓްބޯޅަ ޓީމުގައި އަތޮޅުތެރެ ފަޚުވެރިވާ ވަރަށް ކުޅުންތެރިން


1991 ވަނަ އަހަރުގެ ކޮލަމްބޯ ސާފް ގޭމްސްއަށް ދިޔަ ރާއްޖޭގެ ގައުމީ ޓީމަކީ އެއިރު ނެގެން އޮތް އެންމެ ވަރުގަދަ ޓީމެވެ. ނަމަވެސް އޭރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން ޓީމުގެ ފުރަތަމަ 11ގައި ހިމެނުނީ އަތޮޅުތެރެއިން އެންމެ ކުޅުންތެރިއެކެވެ. އެއީ ފުޓްބޯޅަ އަށް މަޝްހޫރު ބ. އޭދަފުށީގެ އަބްދުލްވާހިދު އެވެ. ސެމީ ފައިނަލުގައި ލަންކާ ބަލިކޮށް ފައިނަލްގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ އެ ފަހަރުގެ ގޭމްސްއިން ރިހި މެޑަލް ހޯދި ޓީމުގެ ފުލް ބެކެއްގެ ގޮތުގައި ވާހިދު ވަނީ މޮޅު ކުޅުމެއް ދައްކައިދީފަ އެވެ.

އޭގެ ފަހުން ދިވެހި ފުޓްބޯޅަ އަށް އައި ފޯރީގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ގިނަވެ، އަތޮޅު ތެރޭގައި ބޭއްވޭ މުބާރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް ދިޔައީ ގިނަވަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަތޮޅުތެރެއިން ސްކައުޓްވެގެން މާލޭގެ އެންމެ މަތީ ޑިވިޝަންތަކުގައި ކުޅެން ފެށި ކުޅުންތެރިން ގިނަވާން ފެށިއެވެ. ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި ވެލެންސިއާ އާއި ލެގޫންސްގެ ޖާޒީގައި ކުޅެންފެށި އަތޮޅުތެރޭގެ ކުޅުންތެރިންގެ އަދަދު އިތުރުވަމުން އައިސް އެމީހުން ގައުމީ ޓީމުގެ މުހިންމު މަގާމުތަކެއް ފުރަން ފެށި އެވެ. އިސާހިތަކު 90ގެ މެދުތެރެއަށް ދިޔައިރު ގައުމީ ޓީމު އޮތީ މުޅި ރާއްޖެ އަށް ފެތުރިފައެވެ.

މި މަހުގެ ފަންސަވީސް ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިން އާއި އޭގެ ކުރިން މި މަމަހުގެ 19 ވަނަ ދުވަހު އިންޑިޔާއާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވާ ދިވެހި ގައުމީ ޓީމުގައި ހއ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓީއާ ހަމައަށް ޓީމުގައި ކުޅުންތެރިން އެބަތިއްބެވެ. މިއިން ކޮންމެ ކުޅުންތެރިއަކީ ވެސް ގައުމީ ޓީމަށް އެމީހުންގެ 100 ޕަސެންޓް ނެރެން ތައްޔާރުވަމުން އަންނަ ހުނަރުވެރިންތަކެކެވެ. ބައެއް ކުޅުންތެރިންނަކީ މީގެ ކުރިން ގައުމީ ޖާޒީގައި މޮޅަށް ކުޅެފައިވާ ތަޖުރިބާކާރުންނެވެ. އަނެއް ބައި ކުޅުންތެރިންނަކީ ޓީމަށް އަރައި ވިދާލަން ތައްޔާރުވަމުން އަންނަ މުސްތަގްބަލުގެ ޖީލުގެ ކުޅުންތެރިންނެވެ.

ޓީމުގައި ތިބި މުހިންމު ކުޅުންތެރިންނަށް ބަލާއިރު އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން އާއި ހަމްޒާ މުހައްމަދު (ހަމްޕު) ފަދަ ކުޅުންތެރިންނަކީ އޭދަފުށްޓަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަހުމަދު ނޫމާން (ހެލްމެޓް) އާއި އޭނާގެ ކޮއްކޮ ނާއިމަކީ ގުރައިދޫގެ ކުޅުންތެރިންނެވެ. އިބްރާހީމް ވަހީދު ހަސަނަކީ ހދ. ނޮޅިވަރަންފަރުގެ ކުޅުންތެރިއެކެވެ. ނަމުގެ ކުރިއަށް ފޭދޫ ހިމަނައިގެން ކިޔަމުން އަންނަ އިބްރާހީމް މަހުދީ ނުތަވަތަ ފޭދޫ އިއްބެ އަކީ އައްޑޫ ސިޓީގެ ކުޅުންތެރިއެކެވެ. ޒުވާން ކުޅުންތެރިންނަށް ބަލާލާއިރު ފ.ދަރަނބޫދޫގެ މުޒްދާން އާއި ހއ.ދިއްދޫގެ ހަޝްމްފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. މި ނޫނަސް ޓީމުގައި ތިބި ގިނަ ކުޅުންތެރިން ނިސްބަތް ވަނީ އަތޮޅުތެރޭގެ ކޮންމެވެސް އެއް ރަށަކަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅެން ރާއްޖޭގެ ގައުމީ ޓީމު ގަލޮޅު ދަނޑުގައި މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ. ކޮންމެ ރެއަކު ވަރަށް ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށްދާއިރު ޓީމާމެދު ކުރެވެނީ މަތިވެރި އުއްމީދެކެވެ. ކުޅުންތެރިންގެ ފަރާތުން ފެނިގެންދަނީ ސީރިއަސްކަމެވެ. މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނެވެ. އޭނާ އަކީ ރާއްޖޭގެ ކޯޗުންގެ ތެރެއިން މިވަގުތު ހުރި އެންމެ ކާމިޔާބު ކޯޗެވެ. ވިކްޓަރީން ފެށިގެން މާޒިޔާގައި ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ކޯޗިންގެ ކާމިޔާބު ތާރީހެއް އޮތް މީހެކެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހަ މެޗު ކުޅޭނެ. ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ ފިލިޕީންސް މެޗަށް ފަހު ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ.