ޚަބަރު

ހުޅުމާލޭގައި ހަދާ ވަގުތީ އިންޖީނުގޭގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ޓެސްޓުކުރުމުގެ މަރުހަލާ: ސްޓެލްކޯ


  • މިއި 17 މެގަވޮޓްގެ ކެޕޭސިޓީ

  • މި މަސައްކަތް ފެށި މިދިޔަ މަހު

އިތުރުވަމުންދާ ކެޕޭސިޓީއަށް މެދުނުކެނޑި ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ހުޅުމާލޭގައި ހަދާ ވަގުތީ އިންޖީނުގޭގައި ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފިއެވެ. ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިހާރު ކުރަމުންދަނީ ޖަނަރޭޓަރުތައް ޓެސްކުރުމުގެ މަސައްކަތްތައްކަމަށެވެ.

މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއަށް، މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި ޕްރޮޖެކްޓްގައި 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގޮވޮޓްގެ ކަރަންޓު ކެޕޭސިޓީ އިރުކުރާނެއެވެ.

މި މަޝްރޫޢުގެ ކުރިއަށްދާގޮތުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައިޓުގައި އިންޖީނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފަވާކަމަށެވެ.

މިހާރު ކުރަމުންދަނީ އުފައްދާ ކަރަންޓު، ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ މައި އިންޖީނުގޭގެ ގްރިޑާ ގުޅާލުމަށް އަޅާ ކޭބަލްއެއްގެ ބައެއް މަސައްކަތްތައްކަމަށް ފަހުމީ ވިދާޅުވިއެވެ.

"13 ޖެނެރޭޓަރު އެއީ 17 މެގަވޮޓް. މިހާރު މިހުރީ އިންޖީނުތައް ބަހައްޓައި ނިމި، ކޮމިޝަން ކުރާ ހިސާބުގައި. އިންޖީނުގެއަށް އާޅާ ކޭބަލްގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ލަސްވަނީ މީގަ މަގު ކޮނެގެން ކުރާ ބައެއް މަސައްކަތްތައް ހުރީމަ. އެކަމުގައިވެސް %50 މަސައްކަތް މިހާރު ނިމިއްޖެ" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިވަގުތު މާލޭ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު މިއަށްވުރެ އިތުވާނެކަމަށް ސްޓެލްކޯއިން ލަފާކުރެއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯއިން އަންދާޒާކުރަނީ މި ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ 120 މެގަވޮޓްއަށް އިތުރުވެގެންދާނެކަމަށްކަމަށެވެ. ނަމަވެސް އަލަށް ބޭނުންކުރާ މި 17 މެގަވޮޓްގެ ވަގުތީ ިއނޖީނުގެއާއެކު، ކޭޕޭސިޓީއަށް ދަތިކަމެއް ނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި މިހާރު ކަރަންޓުގެ ޚިދުމަތް ދެނީ، މާލެއާއި ހުޅުމާލެ ހިމެނޭހެން ގުޅިފައިވާ ވިއުގައަކުންނެވެ.