ޚަބަރު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތި އަތުލައިގެންއިރު އެތަކެތި ހުރީ ލުއިކާނާ ފަދަ ތަކެތި ހުންނަ ޕެކެޓުތަކުގައި ބަންދުކޮށްފައި

  • މަސްތުވާތަކެއްޗާއެކު ނުވަ މީހުން ހައްޔަރުކުރި

އިންޑިއާގެ ޓެމިލްނާޑޫގެ ޓުޓިކޮރިންއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ، މިދިޔަ ބުދަ ދުވަހު އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި އޮޕަރޭޝަނުގައި "ޝުވޭ ލިން ޔޯން" ނަމަކަށް ކިޔާ ބޯޓެއް ތަމިލްނާޑޫއާއި ސްރީލަންކާއާއި ދެމެދު އޮންނަ ގަލްފު އޮފް މަންނާއިން ހުއްޓުވައި ބަލާ ފާސްކުރިއިރު، އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި ބޯޓު ޓުޓިކޮރިން ބަނދަރަށް މިހާރު ގެންގޮސްފައިވާއިރު، މަސްތުވާތަކެއްޗާއެކު ނުވަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަތުލައިގަތީ ބަރުދަނުގައި 30 ކިލޯ ހުރި ހެޝިޝް އޮއިލްގެ ޝިޕްމަންޓެކެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރު ނުވަތަ 58.5 މިލިއަން ރުފިޔާއަށް އަރާކަމަށްވެއެވެ.

ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންއިރު އެ ތަކެތި ހުރީ ލުއިކާނާ ފަދަ ތަކެތި ހުންނަ ޕެކެޓުތަކުގައި ބަންދުކޮށްފަކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން މަސްތުވާކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ގެންދަވަނީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުންނެވެ.