ޚަބަރު

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވޭ

  • ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ދުނބުމާ، އުމުރުން 37 އަހަރުގެ އަޙްމަދު ޟަމީރާއި ހަމަ އެރަށު ހުވަފެނީއައްސޭރި، އުމުރުން 31 އަހަރުގެ އަޙްމަދު އިސްމާޢީލްއެވެ.

މިދިޔަ ބުދަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިލަންދޫން ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޟަމީރާއި އަޙްމަދު އިސްމާޢީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.