ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ކުށްވެރިކުރައްވައިފިއެވެ. ވަޒީރު އެކަން ކުށްވެރިކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި، ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައެވެ.
އޯއައިސީން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދާ އެކްސްޓްރާ އޯޑިނަރީ ސެޝަނަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ދެއްވި ތަޤްރީރުގައި ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ފާހަގަކުރައްވައި، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރު ގޮވާލެއްވިއެވެ.
ވަޒީރު ވަނީ އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރައްވާކަންވެސް މި ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ.
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުންކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެއިން އަންނަނީ 1976އިން ފެށިގެން މި ޖަމްޢިއްޔާގެ މެމްބަރަކަށްވެ، އިސްކޮށް ހަރަކާތްތެރިވަމުންނެވެ.