ވެރިކަމުގެ އާ ދައުރުގެ ފެށުން ވަރަށް ކާމިޔާބުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވިދާޅުވުމުން، އިދިކޮޅު ޑިމޮކްރެޓުންގެ ނުރުހުން އަމާޒުވެ، ތަޅުމުން ނުކުމެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ދެވަނަ ދައުރަކަށް ރައީސްކަމަށް ވަޑައިގެންނެވި ޓްރަމްޕްގެ ސަރުކާރުން ވަނީ އަވައްޓެރި މެކްސިކޯ އަދި ކެނެޑާއަށް ޑިޔުޓީ ބޮޑުކޮށް، ޗައިނާ އާއެކު ވިޔަފާރީގެ ހަނގުރާމައެއް ފައްޓަވައިފައެވެ. މީގެއިތުރުން، އެމެރިކާ ޒަމާނުއްސުރެ ގެންގުޅެމުން އައި ޚާރިޖީ ސިޔާސަތު މުޅީން ބަދަލުކޮށްލައްވައި، ސަރުކާރުގެ އެކި އިދާރާތަކަށް ގެންނެވި ބަދަލުތަކުން އެތައް ހާސް މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ވެރިކަމަށް އެނބުރި ވަޑައިގެން ކޮންގްރެސްއަށް އިއްވެވި 100 މިނެޓުގެ ރިޔާސީ ބަޔާނަކީ، ފަހުގެ ތާރީޚެއްގައި ރައީސަކު އިއްވެވި އެންމެ ދިގު ރިޔާސީ ބަޔާނެވެ.
އެ ބަޔާނުގައި ޓްރަމްޕް ވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އެމެރިކާ އަނބުރާ އައުމުގެ ދަތުރު ރަނގަޅަށް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރަޝިޔާ ކޮޅަށް މާބޮޑަށް ބުރަވެ، ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބޮޑު އަރައިރުމެއް ހިނގާފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ޓްރަމްޕް މާދިގުކޮށް ވާހަކައެއް ނުދައްކަވައެވެ.
ނަމަވެސް، ޔޫކްރެއިނުގެ އަގުބޮޑު މައުދަނުތަކުން އެމެރިކާ އާ ގުޅިގެން ނަފާ ހޯދުމުގެ އެއްބަސްވުމެއް ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަން ޓްރަމްޕް ހާމަކުރެއްވިއެވެ. އަދި ރަޝިޔާ އާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސުލްޙަ ޤާއިމުކުރަން ރަޝިޔާ ތައްޔާރަށް އޮތް ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މީގެއިތުރުން، ޓްރަމްޕް ވަނީ މެދު އިރުމަތީގައި ސުލްޙާ ޤާއިމުކޮށް، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބޭރު ޤައުމުތަކުގެ "ކުށްވެރިންގެ" މައްސަލަ ވެސް ޙައްލު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ރިޔާސީ ބަޔާން އިއްވެވީ، ކެމްޕޭނު ޖަލްސާތަކުގައި ވާހަކަ ދައްކަވާ ގޮތަށެވެ. މިގޮތުން، ކުރީގެ ރައީސް ޖޯ ބައިޑެން އާއި ކުރީގެ ސަރުކާރަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރުވެސް، ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ތިއްބެވީ ޓްރަމްޕް އާ ދެކޮޅު ޝުޢޫރުތައް ލިޔެފައިފާ ބެނާތަކެއް ހިފައިގެންނެވެ. އަދި ޓްރަމްޕް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވި ބައެއް ކަންކަމާ އިޢުތިރާޒުކޮށް، އިދިކޮޅު މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ވާހަކަތަކަށް އިހުތިޖާޖުކުރުމުގެ ގޮތުން، ތަޅުން ދޫކުރައްވައި ނުކުންނަވާފައެވެ.