ރަމަޟާން މަހަކީ އެމަހެއްގައި އާއިލާއާއެކު ހޭދަކުރާ ވަގުތު އިތުރުވާމަހެކެވެ. މިމަހު ކުޑަކުދިންނާއި އަދި އާއިލާގެ އިތުރުން އެކުވެރިންނާއެކު ގިނަ ބަޔަކު ހަވީރުގެ ވަގުތުތަކުގައި ދުއްވާލަން އަދި ހިނގާލަން ނިކުމެ އުޅެއެވެ. ގިނަ ބަޔަކު މަގުމަތީގައި އުޅުމުގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ޚާއްސަކޮށް ކުޑަކުދިން ގެންގުޅުމުގައި މަގުމަތީގެ ރައްކާތެރިކަމަށް މިރަމަޟާންމަހު ސަމާލުވާންޖެހެއެވެ.
ރަމަޟާން މަހުގެ ހަވީރު ގަޑިއަކީ ހުރިހާ ރަށެއްގައިވެސް ހަވީރު ފިންޏަށް ގިނަ ބަޔަކު ދުއްވާލަން އަދި ހިނގާލަން ކުޑަކުދިންނާއި އާއިލާ އަދި ރައްޓެހިންނާއެކު ނުކުންނަ ވަގުތުތަކެކެވެ. ހަވީރު އަދި ރޭގަނޑުގެ ގަޑިތަކުގައި ގިނަ ބަޔަކު މަގުމަތި ބޭނުންކުރާއިރު މަގުމައްޗަށް އިތުރަށް ސަމާލުވާންޖެހެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތިމަތު ޝަބާނާ ވިދާޅުވީ، އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މަގުމަތި ބޭނުންކުރާ މީހުންގެ ޢަމަލުތައް ހުންނަގޮތްކަމަށެވެ. އެހެންކަމުން އެކްސިޑެންޓުތައް މަދުކުރުމަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ހުރިހާ އެންމެންވެސް ޢަމަލުކުރުމަކީ މުހިއްމުކަމެކެވެ.
ޝަބާނާ ވިދާޅުވީ، މަގުމަތި ބޭނުންކުރާ ހުރިހާ އެންމެންގެ ސަލާމަތަށްޓަކައިވެސް އުޅަނދުތައް ދުއްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސްޕީޑް ލިމިޓުގައި ދުއްވަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސައިކަލު ދުއްވާއިރު ހެލްމެޓު އެޅުން ލާޒިމު ސަރަޙައްދުތަކެއް ހުރުމާއެކު، އެފަދަ ސަރަޙައްދުތަކުގައި ދުއްވާއިރު ބޮލަށް ހެޔޮވަރު ސައިޒުގެ ހެލްމެޓެއް ރަނގަޅަށް ބޭނުންކުރަންޖެހެއެވެ.
އުޅަނދުތައް ދުއްވުމުގައި ދެއުޅަނދު ދޭތެރޭގައި ހުންނަންޖެހޭ ދުރުމިން ބެހެއްޓުމާއި، މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބެލުމާއި ކަފިހި ހުރަސްތަކަށް ސަމާލުވާންޖެހޭކަން ޝަބާނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހިނގާބިނގާވެ އުޅޭ ފަރާތްތަކުންވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަކީ އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެކަމެކެވެ. މަގަކީ އެންމެންގެ ތަނަކަށްވާއިރު މަގު މަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.