އިންޑޮނީޝިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ވެރިރަށް ޖަކާޓާގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން، އެތައް ހާސް މީހުން ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް، އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ހޯމަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ޖަކާޓާގައި 3 މީޓަރާ ހަމައަށް ފެންބޮޑުވެފައިވާ ކަމަށް އެ ޤައުމުގެ ޑިޒާސްޓާ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ގިނަ މަގުތަކުގައި ވެސް ފެންބޮޑުވެފައިވާއިރު، 1،000 އަށް ވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް ބުންޏެވެ.
ޖަކާޓާގެ ގަވަރުނަރު ޕްރަމޯނޯ އަނޫންގް ވަނީ ކާރިސާގެ ޙާލަތުގައި ދެވަނައަށް އެންމެ މަތީ މަރުޙަލާއަށް އެލާޓް ލެވެލް މަތިކުރައްވައި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމަށް ފެން ޕަމްޕުތައް ޖައްސަން ގޮވާލައްވައިފައެވެ.
އިންޑޮނީޝިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިރުމަތީގެ އަވަށެއް ކަމަށްވާ ބެކާސީގެ ހޮސްޕިޓަލެއްގައި ފެންބޮޑުވެ، ބައެއް ވޯޑުތަކަށް ފެން ވަނުމުގެ ސަބަބުން، ބަލިމީހުން އެހެން ހޮސްޕިޓަލުތަކަށް ގެންދަން ވަނީ ޖެހިފައެވެ. އަދި ފެނުގެ އަސަރު ކުރުމުގެ ސަބަބުން، ހޮސްޕިޓަލުގެ އިތުރުން މުޅި އަވަށުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން މީހުން ސަލާމަތް ކުރުމަށް، ކަމާބެހޭ އިދާރާތަކުން ކުދި ބޯޓުތައް ބޭނުންކުރަމުންދާ ކަމަށް ރޮއިޓަރސް ނޫހުން ބުންޏެވެ.
ގާތްގަނޑަކަށް 30 މިލިއަން މީހުން ދިރިއުޅޭ ޖަކާޓާގައި ފެންބޮޑުވުމުގެ މައްސަލަ އަބަދުވެސް ދިމާވެއެވެ.