ޚަބަރު

ޔަހޫދީންގެ ޢުދުވާނު ވަރުގަދަކޮށް، ނޫރް ޝަމްސަށް ބޮޑެތި ގެއްލުންތަކެއް ދީފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް ވަދެ، ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީ ސިފައިން ބަރުހަތިޔާރާއި ބުލްޑޯޒަރު ފަދަ އާލާތްތަކާ އެކު ހުޅަނގު އައްސޭރިއަށް އަރައިގަނެފައި ވަނީ ޖަނަވަރީ 21ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށް ފަހު ދެ ދުވަސް ފަހެވެ.

ޠުލްކަރްމުގެ ރަށްބޭރުގައި އޮތް ނޫރް ޝަމްސް ރެފިއުޖީ ކޭމްޕުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ ޖިނީން ރެފިއުޖީ ކޭމްޕަށް ވެސް އަރައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، އެތަކެއް ހާސް ބަޔަކު ގެދޮރުން ނެރެ މަގުމަތި ކޮށްލާފައެވެ. އެ ތަން ދޫކޮށް 40,000އެއްހާ ރެފިއުޖީން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް ބެލެވެއެވެ. މި ވަގުތު ޔަހޫދީންގެ ނިރުބަވެރި ސިފައިން އަމާޒު ހިފާފައި ވަނީ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕު ހުސް ކުރުމަށެވެ. އަދި، އެ ތަނުގައި ދިރިއުޅޭ ރެފިއުޖީންގެ ގެދޮރު ނެތިކޮށްލުމަށެވެ.

ފާއިތުވި ހަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޖިނީނާއި ނޫރް ޝަމްސްގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން ރެފިއުޖީ ކޭމްޕުތަކަށް ވެސް ޔަހޫދީ ސިފައިން ވަނީ ބަރުހަތިޔާރާ އެކު އަރައިގަނެފައެވެ. އަދި، އެ ތަންތަން ހުސް ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ޔަހޫދީ ސިފައިން ދަނީ ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދެމުންނެވެ. އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަ ކުރަމުންނެވެ.

ޠުލްކަރްމުގެ ރެފިއުޖީ ކޭމްޕުން 12 މީހުން ޝަހީދު ކޮށްލުން

ނޫރް ޝަމްސްގެ އިތުރުން ޠުލްކަރްމުގައި އޮންނަ ރެފިއުޖީ ކޭމްޕަށް ވެސް އަރައި ޔަހޫދީ ސިފައިން ވަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. ޠުލްކަރްމުގައި ހިންގާފައިވާ ޢުދުވާނުގައި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ 12 މީހުން ޝަހީދު ކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައެވެ. އަދި، ޖިނީނާއި ނޫރް ޝަމްސްގެ އިތުރުން ޠުލްކަރްމުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.

ނޫރް ޝަމްސްގެ ރައްޔިތުން ބުނީ، ބުލްޑޯޒަރުތައް ބޭނުންކޮށް ޔަހޫދީ ސިފައިން އެ ރެފިއުޖީ ކޭމްޕުގެ އިމާރާތްތައް ސުންނާފަތި ކުރަމުން ދަނީ އަސްކަރީ ޓޭންކުފަހަރު ފަދަ އުޅަނދުފަހަރު ދަތުރު ކުރުމަށް މަގު ހެދުމުގެ ގޮތުން ކަމުގައެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ހިންގަމުންދާ އެންމެ ނުރައްކާތެރި އަދި ބޮޑު ޢުދުވާނެވެ.

ނޫރް ޝަމްސް ކޭމްޕުގެ އިސް އޮފިޝަލެއް ކަމުގައިވާ ނުހާދު އަލް-ޝަވީޝް ވިދާޅުވީ، ޔަހޫދީންގެ ނިރުބަވެރި ޢުދުވާނާ ގުޅިގެން އެ ރެފިއުޖީ ކޭމްޕު ދޫކޮށް 13,000ށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމުގައެވެ. "މިއަދު ވެސް 3,000ށްހާ މީހުން ވަނީ ކޭމްޕު ދޫކޮށް ގޮސްފައި، އެ އެންމެން ގޮސްފި. ބާކީ ތިބި މީހުން ތިބީ ކޭމްޕުގެ ރަށްބޭރުގައި،" އޭނާ ވިދާޅުވިއެވެ. އެ ކޭމްޕުގައި މި ވަގުތު އެއްވެސް ބަޔަކު ދިރިއުޅެމުން ނުދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރި ހުސްކުރުމަށް ހިންޖާ ޖަރީމާއެއް

ޖިނީނެކޭ އެއް ފަދައިން ނޫރް ޝަމްސަކީ ވެސް 1984ވަނަ އަހަރު ޔަހޫދީން ހިންގި ޤަތުލުޢާންމު އަދި 'ނަކްބާ'ގައި އަމިއްލަ ވަޒަނުން ނެރެ، މަގުމަތި ކޮށްލާފައިވާ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ އެއް ކޭމްޕެވެ. ފަލަސްޠީނުގެ ބިންތަކުން އެ މީހުން ނެރެފައި ވަނީ ޔަހޫދީންގެ ދައުލަތެއް ޤާއިމު ކުރުމަށެވެ. ޖިނީނެކޭ އެއް ފަދައިން، ނޫރް ޝަމްސަށް ޔަހޫދީ ފައުޖުން ވަދެގަތުމުން އެ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުން ވެސް ވަނީ ފުރާނަ ސަލާމަތް ކުރުމަށް އެ ތަން ދޫކޮށް ދިޔުމަށް މަސައްކަތް ފަށާފައެވެ.

"އެ މީހުން އެ ދަނީ ހުރިހާ މުދަލެއް ދޫކުރުމަށް ފަހު، ގައިގައި އޮތް އަންނައުނު ފިޔަވައި އިތުރު އެއްޗެއް ނެތް. އެ މީހުންނަށް ކާބޯތަކެއްޗާއި، ފޭރާމާއި، ކުޑަކުދިންނަށް ބޭނުންވާ ކިރާ، އެހެނިހެން ތަކެތި ބޭނުންވޭ،" ޝަވީޝް ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބައިނަލްއަޤުވާމީ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް މިއީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރުހުމާ އެކު ހިންގަމުންދާ ޢުދުވާނެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޣައްޒާ ޢުދުވާނުގައި ވެސް ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ. ހުޅަނގު އައްސޭރިއަކީ 1967ވަނަ އަހަރު ޔަހޫދީން ވެރިވެގަނެފައިވާ ބިމަކަށްވާއިރު، ފަލަސްޠީނުގެ ރައްޔިތުން ބުނީ، އެ ބިމުން މުސްލިމުން ނެރުމަށް ޔަހޫދީން މަސައްކަތް ފަށާފައިވާ ކަމުގައެވެ.