ޚަބަރު

ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުން ކަނޑައަޅުއްވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު: ފަލާހު


  • މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ޕީއެންސީގެ ފަރާތުން ތިއްބަވާ މެމްބަރުން ވަނީ ބަދަލުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި އެ ޕާޓީގެ ފަރާތުން ތިއްބަވާ މެމްބަރުން ބަދަލުކުރުމާއި ގުޅިގެނެވެ.

ފަލާހު ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކުރަނީ ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާ ކޮށްކަމަށެވެ. އަދި މި އުސޫލުގެ ދަށުން އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގަވެސް ޢާންމުކޮށް އެކަން ހިނގި އުސޫލުކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައިވެސް އެފަދަ ބަދަލުތައް ގެނެވިފައިވާކަމަށާއި ކުރިއަށް އޮތްތާނގައިވެސް، ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތަައް ގެންނަވަމުންދާނެކަމަށެވެ.