ގާތްގާތުގައި 2 ބިލް ފޮނުވާފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުޅި ރޯދަ މަހުގެ ޔޫސޭޖަށް އެއް ބިލު ތައްޔާރުކުރަންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ ގާތްގާތުގައި 2 ބިލު ފޮނުވުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ޚިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއްކަމަށާއި ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.
ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށްކަމަށާއި، އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫންކަމަށް ފަހުމީ ވިދާޅުވިއެވެ.
ބިލުތަކުގެ ރީޑިންގ ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީިޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާފައިވާ ބިލެއްކަމަށެވެ.
އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދީފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުޅި ރޯދަ މަހުގެ ޔޫސޭޖަށް އެއް ބިލު ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ހިމެނޭކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް. ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވަން. ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް…
— Hussain Fahmy (@HussainFahmy09) March 3, 2025
"މީގެ ކުރިން މި ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދާދިނުމަކީ މީގެ އެއް މަގުސަދު. މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަރ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލުގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ. އެގޮތުން އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ 1 އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.