ހުސައިން ނާޒިމް (ހުސެންބެ) އަކީ މަސްތުވާތަކެތީގެ ވަބާގައި 35 އަހަރު ހޭދަކުރި މީހެކެވެ. އުމުރުން އެންމެ 13 އަހަރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށައި، އެކިފަހަރު މަތިން ހުއްޓާލުމަށް މަސައްކަތް ކުރިނަމަވެސް، ދާދި ފަހަކަ ޖެހެންދެންވެސް އެ ވަބާގެ ހިތްދަތިކަމާ ތަކުލީފުގައި އުޅެން ޖެހުނެވެ.
މިހާރު ޢުމުރުން 60އިން މައްޗަށް ގޮސްފައިވާ ހުސެންބެ ބުނިގޮތުގައި މަސްވާތަކެއްޗަށް ވަދެވުނީ، އުމުރުން ވަރަށް ކުޑައިރު ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔައިރު، އޭރު އެކުގައިއުޅުނު ބައެއް ރައްޓެހިންނާއެކުކަމަށެވެ. ނަމަވެސް ފަހުން ކައިވެނިކޮށް އެ ވަބާއިން އަރައިގަނެ، ވިޔަފާރިއަކަށްވަދެ އެ ވިޔަފަރި ބަނގުރޫޓުވުމުން އަލުން އަނބުރާ އެ ޙާލަތާން ދާން ޖެހުނީކަމަށް ޙުސެންބެ ބުންޏެވެ.
"އޭރުގެ ޙާލަތު ދިޔަ ސަލާންޖަހަންޖެހޭ ހިސާބަށް. ސައިތައްޓެއް ބޯލަން ރައްޓެހިން އަތުން ލާރި ހޯދަން ޖެހުނު. މަކަރު ހަދައިގެން ގެއިން ލާރި ނަގައިގެންވެސް މަސްތުވާތަކެތި ބޭނުންކުރިން." ހުސެންބެ ޕީއެސްއެމާއި ވާހަކަދައްކަމުން ކިޔައިދިނެވެ.
8 ކުދިންގެ ބައްޕަ، ހުސައިންބެއަކީ މޮޅު މިއުޒިކު ކުޅުންތެރިއެއްވެސްމެއެވެ. އަމިއްލަ ރާގުތައް ހަދައިގެން ފަންނުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއްވެސް ދެހާހުގެ ކުރީކޮޅު ކޮށްފައިވެއެވެ. މުޅި އާއިލާއަކީވެސް ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އާއިލާއެކެވެ. ނަމަވެސް ހުސެންބެގެ ފަންނު ފަނޑުވެގެން ދިޔައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެންނެވެ.
"މަސްތުވާތަކެތިން ސަލާމަތް ނުވެވި އުމުރުން 35 އަހަރު ހޭދަކުރެއްވިއްޖެ. މިއީ ވަރަށް ބޮޑު ސްޓްރަގްލްއެއް." ހުސެންބެ އަސަރާއެކު ބުންޏެވެ.
ހުސެންބެ ފާހަގަކުރިގޮތުގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވިނަމަވެސް އެކަމަށް ބޭނުންވާ އެކަށީގެންވާ ފުރުޞަތެއް ނުލިބުނެވެ. އަދި ދެމެހެއްޓެނިވިކޮށް އެ އެހީތައްވެސް ލިބިގެން ގޮސްފައެއް ނެތެވެ.
އެތަށް އަހަރެއް މަސްތުވާތަކެތީގެ ވަބާއިން އަރައިނުގަނެވި ދިރުއުޅުން ހޭދަކޮށް، މިއަދު ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، އެ ހުރީ އެކަމުން ފުރިހަމައަށް ސަލާމަތްވެ ދިރިއުޅުމުގައި ކުރިއަށް ދެވޭނެ މަގު ހޯދައިގެންނެވެ. އެކަމުގެ އެންމެ ބޮޑު އެހީއަކަށް ހުސެންބެއަށްވީ މަގުމަތީގައި މަސްތުވާތި ބޭނުންކޮށް އުޅެމުންދިޔަ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފަށާފައިވާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި އެ ފުރުޞަތު ލިބުމެވެ.
މި ޕްރޮގްރާމަކީ، މަސްތުވާތަކެތި ބޭނުންކޮށް މަގުމަތީގައި އުޅެމުންދިޔަ މީހުންނާއި، އަމިއްލައަށް އެދިގެން އެކަމުން ސަމާމަތްވާން ބޭނުންވާ މީހުންނަށް ފުރުޞަތު ދިނުމަށް ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި ޕްރޮގްރާމެކެވެ.
ޕްރޮގްރާމުން ފަރުވާގެ ނިޒާމަށް މިހާތަނަށް 100އަށްވުރެ ގިނަ މީހުން ވަނީ ވައްދާފައެވެ. ހުސެންބެއަކީ މީގެތެރެއިން އެކަކެވެ. ހިންމަފުށީގައި ހުންނަ ރިހެބްގައި ފަރުވާ ފުރިހަމަކޮށް، ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ހިންގާ ޕްރޮގްރާމްތައްވެސް ވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމްގައި ނަފްސާނީ ޙާލަތު ދެނެގަތުމާއި، ސިއްޙީ އަދި ނަފްސާނީ ފަރުވާ ފޯރުކޮށްދެއެވެ. މީގެއިތުރުން ދީނީ އަޤީދާ ވަރުގަދަކުރުމާއި ދިރިއުޅުމުގެ ހުނަތުރައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. މިއީ މިގޮތަށް އެންޑީއެމްއޭއިން މިހާތަނަށް ފެށި އެންމެ ކާމިޔާބު ޕްރޮގްރާމެވެ.
"މަސްތުވާތަކެތީގެ ވަބާގައި އުޅެމުންދާ މީހުންނަށް އަޅުގަނޑު ބުނާނީ ސްޓްރީޓް ދޫކޮށްލާ އަވަހަށް ފަރުވާގެ ނިޒާމަށް ވަންނާށޭ." ހުސެންބެ ފާހަގަކުރިއެވެ.
އުމުރުން ދުވަސްވި ނަމަވެސް، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ ހުސެންބެ މިއަދު ހުރީ ދިރިއުޅުމުގެ ބާކީ ބައި، ވަޒީފާއެއް އަދާކޮށް އާއިލާއެކު އުފަލާއެކު ހޭދަކުރުމުގެ އުންމީދުގައެވެ. މި ރިހެބް ޕްރޮގްރާމަކީ ދިރުއުޅުން އިސްލާހުކޮށް، ބަދަލުކޮށްލުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި ހުސެންބެ ޤަބޫލުކުރެއެވެ.
މި ޕްރޮގްރާމްގައި ލިބުނު އެންމެ ބޮޑު އުފަލަކީ، ހީނަރުވެފައި އޮތް އާއިލީ ގުޅުން އަލުން ބަދަހިވުމެވެ. ހުސެންމެ އެންމެ އުފާކުުރާ ކަމަކީވެސް އެއީއެވެ. ހުސެންބެގެ އެންމެ ބޮޑު ޕެޝަން "މިޔުޒިކް" ހެދުމުގެ މަސައްކަތްވެސް މިހާރު މަޑުމަޑުން ކުރަން ވަނީ ފަށާފައެވެ.
"އަޅުގަނޑުގެ ކުދިން މިތަނަށް ބައްދަލުކުރަންވެސް އާދޭ. ވީޑިއޯ ކޯލްވެސް ކުރޭ. މަގުމަތީގައި އުޅުނުއިރު އާއިލާއާއި އަލުން ގުޅެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މިހާރު އާއިލާއާއި ދަރިން އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގެންފި." ހުސެންބެގެ މިހާރު ޙަލަތު ކިޔައިދެމުން ބުންޏެވެ.
މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ އެތަށް ބަޔަކަށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެވޭނެކަމުގެ އުންމީދު މިއަދު އާވެއްޖެއެވެ. އަމިއްލައަށް އެދިގެން އެތަށް ބަޔަކު މި ޕްރޮގްރާމަށް ވަނުމަށް ޝަޢުގުވެރިކަން ފާޅުކުރުމަކީ އެކަމުގެ ހެއްކެކެވެ.