މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާ ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ބާއްވަމުން އަންނަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފޯރަމް ފެށްޓެވުމުގެ ގޮތުން ތަޤްރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަޙީމެވެ. 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެންމެ ފުރަތަމަ އިޙްޔާ ފޯރާމް ޚާއްސަކޮށްފައިވަނީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށެވެ.
ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުންނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވާ ވަޒީރު ވަނީ މި މަޢުޟޫއަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހެޔޮގޮތުގައި މުދާ ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާފައެވެ. އަދި ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް ވަޒީރު ގޮވާލެއްވެވިއެވެ.
ވަޒީރު ޑރ. ޝަހީމް ވަނީ މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ މުދާ ހެޔޮގޮތުގައި ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިންކަން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުނގަންނަވައިދެއްވަނީ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ. ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ." ކީރިތި ޤުރުއާނުގެ އަލީގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވަނީ ޤައުމަށް އައިސްތިބި ބިދޭސީންނަށްވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަން ފާހަގަކުރައްވާފައެވެ. އަދި މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަމާއި އެކަންކަން ތަފްޞީލްކޮށްދެއްވާފައެވެ.
"މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން." ވަޒީރު ޑރ. ޝަޙީމް ވިދާޅުވިއެވެ.
ހާލަލު ގޮތުގައި މުދާ ހޯދުމަށް މާތް ﷲ ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަމަށެވެ.
މިގޮތުން ރިޝްވަތަކީ ޙަރާން ކުރައްވާފައިވާކަމެއްކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތް ﷲ ލަޢުނަތްލައްވާފައިވާ މީހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙަރާން މުދާ ކެއުމުގެ ސަބަބުން މާތް ﷲ އެމީހަކު ދަންނަވާ ދުޢާ އިޖާބަ ނުކުރައްވާނެކަންވެސް ވަޒީރުގެ ތަޤުރީރުގައި ހަނދާންކޮށްދެއްވިއެވެ.