މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް، އޭ330 މަތިންދާބޯޓު އިންޑިއާގެ ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތަކެއް ކޮށްފިއެވެ.
މިދަތުރުތައް ކޮށްފައިވަނީ މި ދުވަސްވަރަކީ ޗުއްޓީ ދުވައްސްވަރަކަށް ވުމުން ޑިމާންޑް ބޮޑުވުމުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. ކޮޗިންއާއި ޓްރެވެންޑްރަމަކީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީތަކެކެވެ.
މީގެ ކުރިން ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއަރބަސް އޭ320 މަރުކާގެ ބޯޓުގައެވެ. މޯލްޑިވިއަނުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނަމަ އޭ330 ގައި މީހުން އުފުލާނެކަމަށެވެ.
މޯލްޑިވިއަނަށް މިދިޔަ ޖެނުއަރީ މަހުގެ ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ވަނީ ފަށާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީގެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ޤައުމީ އެއަރލައިނުން ދަނީ ކުރަމުންނެވެ.