މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރު ދެން ބާއްވާ 7 ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ކަމަށެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ފަހަރު 6 ސްކޫލަކުން ބައިވެރިވެއެވެ. ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑުއެވެ.
މީގެ އިތުރުން ޕްރޮޕޯސަލުން ހޮވުނު މާލެއިން ބޭރުން 7 ރަށެއްގައިވެސް އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެ 7 ރަށަކީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫއެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑުއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް އިޙްޔާ ފޯރަމްތައް އަޑު އެހުމަށް އަންނަ މީހުންގެ މެދުގައި ނަގައި ގުރުއަތަކުން ހޮވޭ މީހުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވެއެެވެ.