ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ؛ ސަމާލުވޭ!


  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވޭ

  • ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ބޮޑު ބަޔަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެގޮތުން ހއ.އިން މ. އަތޮޅު ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މިސަރައްހައްދަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ:

* ކ. ދިއްފުށި – 296.1 މިލިމީޓަރުގެ ވާރޭ
* ހުޅުމާލޭ – 185.2 މިލިމީޓަރުގެ ވާރޭ
* ފ. ނިލަންދޫ – 178.2 މިލިމީޓަރުގެ ވާރޭ
* ހުޅުލެ – 177.2 މިލިމީޓަރުގެ ވާރޭ

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ މިސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.