ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި "އޮޅުހިޔާ"ގެ މެޑިކަލް އަދި ވެޓް ކެއަރ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ އޮޅުހިޔާ" ފެސިލިޓީއަށް މިހާރު ރޭވިފައިވާ ޕްލޭންތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަމުންނެވެ. "އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ޤާއިމްކޮށްފައިވާ ތަނެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ބުޅާ ފެސިލިޓީއަށް ބުޅާތައް ނެގިގެންދަނީ ވަކި ބައިބަޔައްކަމަށެވެ. ބުޅާތަކަށް ދޭންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މެޑިކަލް ފެސިލިޓީއާއި ޑޮކްޓަރ ފެސިލިޓީ އަދި ވެޓް ކެއަރ ފެސިލިޓީގެ ޙިދުމަތް ފެށުމަށް ތައްޔާރުވަމުދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ތެރެއިން މެޑިކަލް ފެސިލިޓީއާއި ވެޓް ކެއަރ ފެސިލިޓީގެ ޚިދުމަތް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ.
"އަޅުގަނޑުމެންނަށް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވެޓް ކެއަރ ފެސިލިޓީ އަދި މެޑިކަލް ފެސިލިޓީގެ ޚިދުމަތް ފަށައިގަނެވޭނެ. އޭގެ ފަހުން ހަމަ މަޑު މަޑުން މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެނެސް ދޭން ޖެހޭ ޚިދުމަތް ދެމުން ދާނަން" ވަޒީރު ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މާލެ ސަރަހައްދުގައި އުޅޭ ބުޅާ ދެކެ ލޯވިބާ ފަރާތްތަކާއި އަދި މިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތައް އެ ވުޒާރާއެކު މި މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތައް މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ބުޅަލެއް ފެސިލިޓީއަށް ގެނެވޭނެކަމަށެވެ.
5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާތީ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގަވާފައެވެ.
އެގޮތުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ "އޮޅުހިޔާ"ގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން އެ ތަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން "އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އެ ވުޒާރާގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން ބުޅާތަކަށް ފެސިލިޓީއަށް މިހާރު ވަނީ ގެންދަން ފަށާފައެވެ.