ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް އިޢުލާންކޮށްފައެވެ. އަދި މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދަޅުވީ ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ ވުޒަރާއަށް ސިޓީއަކުން ހުށަހެޅޭނެކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.