މި ރޯދަމަހު ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން ދިޔަ ސިޓީ ހޮޓާ ސައިޓުގައި ހޯލްސޭލްކޮށް މުދާ ދޫކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޝިމާދު މިހެން ވިދާޅުވީ "ރޯދައަށް ތައްޔާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލެއަކީ އެސްޓީއޯއިން މާލޭގައި ފިހާރަ ހިންގާ އުސޫލުން ފިހާރަ ހިންގާ ތަނެއްނޫންކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރަނީ ހުޅުމާލޭގައި ތިބޭ ފިހާރަތަކާ ގުޅިގެން ރައްޔިތުންނަށް މުދާ ފޯރުކޮށްދޭންކަމަށެވެ. އަދި އެސްޓީއޯގެ ބަރާންޗުތައް މިހާރު ރާއްޖޭގެ 11 ރަށެއްގައި ހުރިކަން ފާހަަކުރައްވާ ޝިމާދު ވިދާޅުވީ، އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ތަކެތީގެ އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކުގެ މަޝްވަރާއަށްފަހު ރޯދަމަސް ފެށުމުގެ މާކުރިންވެސް ބައެއް ޝިޕްމަންޓްތައް ގެނެސްފައިވާކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ކާޑުގެ ބާވަތްތައް ފިޔަވާ އެހެނިހެން ބާވަތްތައް ސީދާ މާކެޓަށް ނުނެރޭނެކަމަށާއި، ކާށި ފަދަ ބާވަތްތައް އެސްޓީއޯއިން ހޯލްސޭލްކޮށް ނުވިއްކާނެކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
"ރަމަޟާންމަހަށް ޚާއްސަކޮށްގެން ބޭނުންވާ ކާބޯތަކެތީގެ ލިސްޓު އިކޮނޮމިކް މިނިސްޓްރީއާ އެއްކޮށް ފާއިތުވި ދެތިންމަސްތެރޭގަ ރިވިއުކުރިން. ކޮންމެ ހަފްތާއަކު މިނިސްޓަރު އިންނަވައިގެން ބައްދަލުވުންތަކެއް ބާއްވައިގެން އަޅުގަނޑުމެން ލިސްޓު ރިވިއުކުރިން. އޭގެތެރެއިން ބާޒާރުތަކަށް މި އަންނަ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމާއި މުދާތައް މަދުވަނީ ކޮން ދިމާލެއްގައިކަމާއި ކޮން މުދަލެއްތޯއާއި ކޮން ޤައުމުތަކުންކަން މުދާ ގެންނަނީތޯއާއި ބަލާ އަޅުގަނޑުމެން ބައްދަލުވުންތަކެއް ބޭއްވިން. އެއަށް ބަލާފަ ދަސްވިއެއްޗެއްސަށް ބަލާފަ ރޯދައިގެ ކުރިންވެސް އަޅުގަނޑުމެން ބައެއް ޝިޕްމަންޓްތައް ގެނެސްފިން." ޝިމާދު ވިދާޅުވިއެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ މާލެއާއި، އެސްޓީއޯގެ ފިހާރަތަށް ހުންނަ އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ބަދިގޭ ސާމާނުތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ބާއްވާފައެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޢާންމުންނަށް ދަތިނުވާނެ މިންވަރަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ ފޯރުކޮށްދިނުމަށް އެސްޓޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމެންޓް މިދިޔަމަހުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ ބާޒާރަށް ނެރެފައެވެ.