ޚަބަރު

މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް


  • މިކަން ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު

  • ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުން

މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހުއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ޤަރާރުގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިސްލާމީ ބައެއް ޤައުމުތަކަށް ފެނުނުކަމަށް ޝަރުޢީގޮތުން ސާބިތުވާތީއާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެމަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސަބިތު ކުރުމުގެ ބަޔާނުގައިވަނީ، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.