ޚަބަރު

އިހަވަންދޫ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅައިފި


  • މިއީ އަންހެނުންގެ ކޮމެޓީއާއި އޭކޭއެޗް ފައުންޑޭޝަން ގުޅިގެން ކުރާ މަސައްކަތެއް

ހއ. އިހަވަންދޫގައި ތަރައްޤީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅައިފިއެވެ.

މި މައިޒާނުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ފުއްޓަރު އުފާ" މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްޤީކުރާ ތަނެކެވެ. މި މައިޒާން ޤާއިމުކުރަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުކައިރީގައި ޢޮންނަ ރަށުގެ ފުއްޓަރު ފަރާތުގައެވެ. މިއީ އިހަވަންދޫގައި އަލަށް މީހުން އާބާދުވާން ފަށާފައިވާ ސަރަޙައްދެކެވެ.

މިފަދަ ތަނެއް ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ރައްޔިތުންނަށް އާއިލާއާއެކު ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ޤާއިމުކޮށްދިނުމަށްކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން އެކި އުމުރުގެ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ތަފާތު ވަޞީލަތްތަކާއި، އިށީންދެވޭނެހެން ހަޓްތަކާއި އަށިތައް މިތަނުގައި ހެދިގެންދާނެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މިތަނުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

މި މައިޒާން ޑިޒައިންކޮށްފައިވަނީ ތަފާތު އެކި އެކި ހަރަކާތްތަކާއި އިވެންޓްތަކަށްވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް، ތިމާވެއްޓާވެސް ރައްޓެހި ފެހިކަންގަދަ ތަނެއްގެ ގޮތުގައެވެ.