ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްސަ ޓީމުތަކެއް ނެންގެވުމަށް ނިންމަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ވަނީ ކައުންސިލްތައް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް އައިސްފައިވާކަމަށާއި އެހެންކަމުން ލާމަރުކަޒޫީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން މުހިއްމުކަމަށެެވެ.
ވަޒީރު ވިދާޅުވީ ސަރުކާރާއި ކައުންސިލްތަކާ ގުޅުވައިދިނުމަށް މުހިއްމު މަސައްކަތްތަކެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރަށްރަށުގައި މަޝްރޫޢުއެއް ކުރިއަށްގެންދަން ރާވާއިރު އެކަމުގެ މަޢުލޫމާތުތައް ދުރާލާ ކައުންސިލްތަކަށް އެނގިފައި އޮތުމަކީ މުހިއްމުކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގައި ސަރުކާރާއި އަދި އެ ނޫންވެސް ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫޢުތައް މޮނިޓަރ ކުރެވޭނެ ނިޒާމެއް ކައުންސިލްތަކުގައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނަުގައި އެ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް މޮނިޓަރކުރުމަށް އެ ރަށަކުން ޚާއްސަ ޓީމެއް އެކުލަވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" ކައުންސިލްތައް ތަރައްޤީކުރުން، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން، ކޮންމެ ކަމެއް ފަށާއިރުވެސް ކޮންމެ ރަށަކުން މޮނިޓަރިންގެ ޓީމެއް އެކުލަވާލާނެ ޔަޤީން ކުރަންބޭނުންވަނީ ހިންގަމުންދާ މަޝްރޫޢުއަށް ކައުންސިލްގެ ފަރާތުން، ރަށުގެ ފަރާތުން ބަސް ބުނާނެ ބަޔަކު ތިބުމަށް. މިކަމާ ގުޅޭ ކަރުދާސް ވަނީ ތައްޔާރުކޮށްފައި." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒިރު އާދަމް ޝަރީފް ވިދަޅުވިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭވުޒާރާއިން ކުރިއަށްގެންދދިޔަ މަސައްކަތު ބައްދަލުވުމުގައި ސިޓީ ކައުންސިލްތަކުގެ ޑެޕިޔުޓީ މޭޔަރުންނާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްގެ މެންބަރުންނާއި, އެލްޖީއޭއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭވުޒާރާގެ މުވައްޒަފުން ބައިވެރިވިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން މުހިއްމު ޚިޔާލުތަކެއް ލިބިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.