ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ވިލާތުގެ އިއްތިޙާދުން ލުއި ދީފިއެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައިގެ ޙާލަތުގައި އެ ޤައުމުގެ ވަކިވަކި ފަރުދުންނާއި އިޤްތިޞާދަށް އަމާޒުކޮށް ވިލާތުގެ އިއްތިޙާދުން ވަނީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.
ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ނިމުމަކަށް އައިސް, އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސް ދައުރެއް އަދާ ކުރި ހަޔިއަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)ން ސޫރިޔާގެ ހިންގުމާ ޙަވާލުވުމުން ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން ވަނީ އެ ޤައުމުތަކުން ސޫރިޔާއާ މެދު ޢަމަލު ކުރަމުން ދިޔަ ސިޔާސަތުތައް އަލުން މުރާޖަޢާ ކުރަން ފަށައިފައެވެ.
އެކަމާ ގުޅިގެން، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި ބައްދަލުކުރެއްވުމަށްފަހު، ތެލާއި ގޭހާއި، ކަރަންޓު އަދި ދަތުރުފަތުރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން އުވައިލަން ވަނީ ނިންމައިފައެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މާލީ ނިޒާމުތައް ބޭނުން ނުކުރެވޭ ގޮތް ސޫރިޔާގެ މަރުކަޒީ ބޭންކު ހިމެނޭ ގޮތަށް ފަސް ބޭންކަކަށް އަޅާފައިވާ ފިޔަވަޅު އުވާލުމާއި އިންސާނީ އެހީ ސޫރިޔާއަށް ވެއްދުމުގެ މަގު ވެސް ވިލާތުގެ އިއްތިޙާދުން މިހާރު ވަނީ ހުޅުވާލައިފައެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޮޑު ބުރައަކަށްވެފައިވާ ނުހައްޤު ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމުގެ މަޝްވަރާތަކާއި ޚާރިޖީ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހާ ދުވަސްވެއްޖެ،" ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީ އެކްސްގައި ވިދާޅުވިއެވެ.
"ވަކި ދާއިރާތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އީޔޫން ނިންމުމަށް މަރުޙަބާ ކިޔަން. މިއީ އަޅުގަނޑުމެންގެ ރައްޔިތުންގެ ތަކުލީފު ކުޑަކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ޤަބޫލުކުރަން."
ވިލާތުގެ އިއްތިޙާދުން ވަނީ ހަތިޔާރާއި، ޖާސޫސު ކުރަން ބޭނުންކުރާ ސޮފްޓްވެއަރ އަދި ސޫރިޔާގެ ސަގާފީ މުދާ ބޭރުކުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައިފައެވެ.
ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ސޫރިޔާގެ ޙާލަތު ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށް ވިލާތުގެ އިއްތިޙާދުން ބުންޏެވެ.