ޚަބަރު

ދ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި


  • މިދަތުރުފުޅުގައި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވާނެ

  • ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާހްކޮށްދެއްވާނެ

ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން މިދަތުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.