އަންނަ އަންގާރަ ދުވަހުން ފެށިގެން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އަންނަ ރަމަޟާންމަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށްވެސް ދަތުރުކުރާ ގޮތް ހައްދަވާދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔަ ވިދާޅުވެފައިވަނީ މިދިޔަ މަހު ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ތަކަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ ރައީސްގެ ވަޢުދުފުޅާއެއްގޮތަށް އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނާފައިވާކަމަށެވެ. އަދި އަންނަ އަންގާރާ ދުވަހުން ފެށިގެން ދަތުރުތައް ފެށުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައިވާގޮތުގެ މަތިން، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައި، 2025… pic.twitter.com/XGNv1X5sle
— Ministry of Transport and Civil Aviation (@MoTCAmv) February 23, 2025
ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ. އަދި ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ. އަތޮޅުގައެވެ. ރައީސް ވިދާޅުވެފައިވަނީ މި ދެ އަތޮޅުގައޮ ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފަށާނެކަމަށެވެ.