ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ޕާކިސްތާން ޓީމު ޖޫރިމަނާކޮށްފިއެވެ.
ޕާކިސްތާން ޖޫރިމަނާ ކުރީ މުބާރާތުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނިއުޒިލެންޑް އަތުން އެ ގައުމު ބަލިވި މެޗުގައި މެޗު ލަސްކުރުމުގެ ސަބަބުންނެވެ. ޕާކިސްތާނުން ވަނީ ދެ އޯވަރު ދޭތެރެގަ އާއި އޯވަރު ނިންމަންޖެހޭ ވަގުތަށްވުރެ ލަހުން ބައެއް އޯވަރުތައް ނިންމައިފަ އެވެ.
މި ކަމުގެ އަދަބެއްގެ ގޮތުން ނިއުޒީލޭންޑްގެ އެންމެ ފަހު އޯވަރު އުކަން ފެށީ ބޯޅަ ހޮވާނެ އިތުރު ކުޅުންތެރިއަކާއެކުގަ އެވެ. އަދި މި ކަމުގެ އަދަބެއްގެ ގޮތުން ޕާކިސްތާން ކުޅުންތެރިންނަށް މި މެޗުން ލިބޭ ފައިސާގެ ފަސް ޕަސެންޓް ވެސް އުނިކުރާނެ އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ކުޅުންތެރިން އަމަލުކުރަންޖެހޭ ގަވާއިދުގެ 2.22 ބުނާ ގޮތުން ކަނޑައެޅިފައިވާ ވަގުތަށްވުރެ އޯވަރު ލަސްވެއްޖެނަމަ އެ ޓީމެއްގެ ކުޅުންތެރިންގެ މެޗު ފީގެ ފަސް ޕަސެންޓް އުނިކުރެވިދާނެ އެވެ.
ޕާކިސްތާން ނިއުޒީލޭންޑް އަތުން ބަލިވުމުން މިހާރު ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓި އެވެ. އެ ގައުމަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނީ އިންޑިޔާ ބަލިކޮށްގެންނެވެ. ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް އިންޑިޔާގެ މެޗުތައް ކުޅެނީ ދުބާއީގަ އެވެ. އެއީ ޕާކިސްތާނަށް ގައުމީ ޓީމު ފޮނުވަން އިންޑިޔާ ސަރުކާރުން ހުއްދަ ނުދިނުމުންނެވެ.
މި މެޗަށް ޕާކިސްތާން ޓީމު ދުބާއީ އަށް ގޮސްފައިވާއިރު ޓީމުގެ އެންމެ މުހިންމު ބެޓްސްމަން ފަހްރުއްޒަމާނަށް އަނިޔާވެ ޓީމުން ވަނީ އުނިކޮށްފަ އެވެ.