ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ކެބިނެޓު ބައްދަލުވުމެއް ބާއްވާފައެއްނުވޭ: ރައީސް އޮފީސް


  • ސަރުކާރުން މިހެން ވިދާޅުވީ ކެބިނެޓު ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރުމާއި ގުޅިގެން

ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ ދައުލަތާއި ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓު ބައްދަލުވުމެއް ބާއްވާފައިވާކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެއްވެސް ޞައްޙަ ކަމެއް ނެތް މި ފަދަ ވާހަކަތައް ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައަކީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލާގައި ދައުލަތުން ކޯޓުގައި ވިދާޅުވީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިސާސް އޮތް މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި ވަގުތަށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި މި މައްސަލަ ނުބެލޭނެކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ގޮތް ކަނޑައެޅުމަށް ފަނޑިޔާރުން ނިންމެވީ މައްސަލައިގެ ޙުކުމް ކުރާއިރުއެވެ.