ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ސަސްއަށް ފުރަތަމަ މޮޅު، އޮޑި ސްޕޯޓްސް އާއި ޓީސީ އެއްވަރު


މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު ލީގުގައި ސްޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ މޮޅު ހޯދިއިރު، ރޭ އޮޑި ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

އިއްޔެ ހަވީރު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުން ސަސް މޮޅުވީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ލަނޑުންނެވެ. ރޭ އޮޑި ސްޕޯޓްސް ކުލަބާއި ޓީސީ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީގެ ކީޕަރު މުހައްމަދު ޔައިސް އެވެ.

ވިކްޓްރީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ބަލިވިއިރު، ގުރޫޕުގެ ފަހު މެޗުގައި ވިކްޓްރީ ނުކުންނާނީ ޓީސީ އާއި ދެކޮޅަށެވެ. ގުރޫޕްބީގަ އޮޑި ސްޕޯޓްސް ކުލަބާއި ޓީސީ އަށް ހަތަރު ޕޮއިންޓް ލިބިފަވާއިރު ސަސް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ގުރޫޕް އޭގެ އެއްވަނައިގަ އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި މާޒިޔާއެވެ.

މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ.