ޚަބަރު

ތިމާވެށި ހިމާޔަތްކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ވަޒީރު ޠާރިޤް ވަނީ ސަސެޕްގެ ޑިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވާފައި

  • މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު

ސަރަޙައްދީ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ސައުތް އޭޝިއާ ކޯޕްރޭޓިވް އެންވަޔަރމެންޓް ޕްރޮގްރާމް، ސަސެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯރބު ވަންގްޗުކްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުވުމުގައި ސަރަޙައްދީ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، އެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

މިބައްދަލުވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ތިމާވެށީގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއެކު، ސަރައްޙައްދަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށެވެ.

ސަސެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯރބު ވަންގްޗުކް ފާހަގަކުރެއްވީ، ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ސަރަޙައްދުގައި އިސް ދައުރެއް އަދާކުރަމުންދާ ޤައުމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖެއާއެކު އިތުރަށް މަސައްކަތްކުރުމަށް ސަސެޕުން ބޭނުންވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރަޙައްދީ ޤައުމުތަކާއެކު ބާއްވާ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދޭދޭ ޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވުމާއެކު، ވަކިން ޚާއްޞަކޮށް މި ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.