ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބޭއްވި "ރަށު އެކްސްޕޯ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރަށު އެކްސްޕޯ އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވަނީ "ޓްރެވެލް ގާއީޒް"ގެ ފަރާތުންނެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ އެކްސްޕޯއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަ ޓްރެވެލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، ރަށު އެކްސްޕޯއަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބިގެންދިޔަކަމަށާއި، އެކްސްޕޯ ވަރަށް ކާމިޔާބުކަމަށެވެ. އަދި މި ހަރަކާތުން ބޭނުންވި މަޤްޞަދު ހާސިލުވެއްޖެކަމަށްވެސް ޑރ. ސަނީ ވިދާޅުވިއެވެ.
ޑރ. ސަނީ ވިދާޅުވީ، ކައުންސިލްތަކުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ އަންނަ އަހަރުގެ އެކްސްޕޯއަށް މިއަށްވުރެ ބޮޑަށް ތަައްޔާރުވުމަށް މަސައްކަތް ކުރާނެކަމަށް ފާހަގަކޮށްފައިވާކަމަށެވެ. އަދި މި އަހަރުގެ އެކްސްޕޯއަށް މިހާ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ބޮޑުކޮށް ގިނަ ހަރަކާތްތަކާއެކު ބޭއްވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަންނަ އަހަރު އިރާދަކުރެއްވިއްޔާ މިއަށް ވުރެއް ބޮޑަށް ގިނަ ހަރަކާތްތަކާއެކު ކުރިއަށް ގެންދާނީ. ދެން އަންނަ އަހަރުވެސް ހަމަ މި ދުވަހު އެކްސްޕޯ އޮނާނެ. ދެން ރޯދަ މަހުގެ ކުރިއަށް ޖައްސާލާނީ." ޑރ. ސަނީ ވިދާޅުވިއެވެ.
ޑރ. ސަނީ ވިދާޅުވީ، މި އަހަރުގެ ރަށު އެކްސްޕޯގައި 9 އަތޮޅަކުން 14 ރަށެއް ތަމްސީލުކޮށްފައިވާކަމަށެވެ. އަދި ގިނަ ކުންފުނިތަކުންވެސް މި އެކްސްޕޯގައި ބައިވެރިވެފައިވާކަން ސަނީ ފާހަގަކުރެއްވިއެވެ.
"ރަށު އެކްސްޕޯ"ގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެވެ. މި ރަށްރަށުން ވަނީ އެ ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ރަށްރަށުގެ ސަގާފަތާއި ޚާއްސަ ކާބޯތަކެތި ދައްކާލާފައެވެ.
3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯ ބާއްވާފައި ވަނީ ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ.