ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ "ރަށު އެކްސްޕޯ" މިއަދު ފަށައިފިއެވެ.
މި އެކްސްޕޯ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ.
ރަށު އެކްސްޕޯ އިންތިޒާމްކޮށް ކުރިއަށް ގެންދަނީ "ޓްރެވެލް ގާއީޒްގެ ފަރާތުންނެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.
"ރަށު އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރަށު އެކްސްޕޯއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ހަރަކާތެއްކަމަށެވެ. އަދި އެއީ ކުދި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ރައީސް އޮފީހުން ވަރަށް ބޮޑު އިސްކަމެއް މިކަމަށް ދެއްވާތީ ރައީސްގެ ސީދާ އެދިވަޑައިގަތުމަށް އަޅުގަނޑު މިތަނަށް މިއައީ. އެހެންވީމައި އެއިން އެބަ ދޭހަވޭ ކުދި ވިޔަފާރިތަކަށް އަދި ކުދި ފަންތިއާ މެދުފަންތީގެ ވިޔަފާރި ކުރާ ފަރާއްތައް އަގުވަޒަން ކުރަން ބޭނުން ފުޅުވާކަން މިންވަރު" ވަޒީރު ޞައީދު ވިދާޅުވިއެވެ.
މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެެވެ. އޭގެ ތެރޭގައި 25އަށް ވުރެ ގިނަ ރަށާޢި އެކި ކުންފުނިތަކުންވެސް އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.
މި ރަށްރަށުން ވަނީ އެ ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ރަށްރަށުގެ ސަގާފަތާއި ހާއްސަ ކާބޯތަކެތި ދައްކާލާފައެވެ. އަދި އެރަށްރަށުގެ ސްޓޯލުން ލިބޭ ޙިދުމަތްތަކާއި ލިބެން ހުރި ތަކެތީގެ މައުލޫމާތުވެސް ޕީއެސްއެމް ނިއުސްއާ ވަނީ ހިއްސާކޮށްފައެވެ.
" އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ރަށުގެ ޙާއްސަކަން އަދި މި ރަށުގައި ޒަމާނުންސުރެއް ބޭނުން ކުރަމުންއައި ކާބޯތަކެތި އެހެން ފަރާއްތަކަށް ފޯރުކޮށްދިނުން އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަކީވެސް އަޅުގަނޑުމެންގެ ބޮޑު ބޭނުމެއް" އެކްސްޕޯގެ ބައިވެރިއެއް ފާހަގަކުރިއެވެ.
ރާއްޖެ އިޝްތިހާރުކުރާ މާކެޓިން އެންޑް ޕީއާރު ފާމެއްކަމަށްވާ "ދި ޓްރެވަލް ގައިސް"ގެ ފަރާތުން ބާއްވާ މި އެކްސްޕޯ ކުރިއަށް ދަނީ ހުޅުމާލެ ސެންޓަރަލް ޕާކުގައި މި މަހުގެ 13 އިން 15އަށެވެ.