ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: އީގަލްސް ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅުކޮށްފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު މާޒިޔާއިން ކާމިޔާބުކުރީ ކުލަބު އީގްލަސްއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިމާން އަޙްމަދެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ފުޅާކުރިއިރު، މި ލަޑު ޖަހައިދިނީ މުޙައްމަދު އިލާން އިމްރާނެވެ. މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހައިދިނީ އަނޫފް އަބްދުﷲ އެވެ. މި މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ޖަހައިދިނީ އީމާން މުޙައްމަދު ވަހީދެވެ.

ޖުމްލަ 8 ޓީމު ވާދަކުރާ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އީގަލްސް އާއި މާޒިޔާގެ އިތުރުން ކުލަބު ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީސީންނެވެ.