ޚަބަރު

"ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ޕްލީނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި


  • މިއީ އެކި ދާއިރާތަކުގެ މާހިރުންގެ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ފޯރަމެއް

ޔޫއޭއީގައި ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ "ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް"ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެޑައިގަންނަވައިފިއެވެ.

"ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް" އަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި މާހިރުންގެ މަސައްކަތުގެ މާޙައުލުގައި ކުރެވުނު ތަޖުރިބާއާއި ގޮންޖެހުންތަކާއި ޙާސިލުކުރެވުނު ކާމިޔާބީތައް ޙިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ. މިފޯރަމްގައި ދުނިޔޭގެ އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި، އެކި ދާއިރާތަކުގެ އީޖާދީ އުފެއްދުންތެރި ހައްލުތަކާއި، އެކަމުގެ އަގުހުރި ފިލާވަޅުތައް ހިއްސާކުރެއެވެ. މިފޯރަމްގައި ކުރެވުނު މަޝްވަރާތަކުގައި ސިނާޢަތްތަކަށް ކުރިމަތިވަމުންދާ އެކި ހުރަސްތައް ނައްތާލުމާއި، އުފެއްދުންތެރި ހައްލުތައް ހޯދުމާއި، ލީޑަރޝިޕް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ފާއިތުވެދިޔަ 3 އަހަރު، ޔޫއޭއީގެ "ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގައި ރާއްޖޭގެ ސަރުކާރު މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމަކީ ސަރުކާރު މުވައްޒަފުންނަށް އަސާސީ ތަމްރީނުތައްދީ، އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭހެން 128 ފަރާތަކަށް މިހާތަނަށްވަނީ ތަމްރީނު ދެވިފައިވެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގެ ތެރެއިން ކުރިއަށްގެންދިޔަ، ޕްލީނަރީ ސެޝަންގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވަނީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިސަމިޓަކީ އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމަށް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކޮށް ބާއްވަމުން އަންނަ ސަމިޓެކެވެ. އެގޮތުން ހަރުދަނާ ހިންގުމުގެ ނިޒާމާއި ޒިންމާދާރުކުރުވުމާއި، މުސްތަޤުބަލުގައި ދުނިޔޭގެ އިޤްތިޞާދުގެ ފުދުންތެރިކަމާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ވިލުންތެރި މުޖުތަމަޢުތައް ބިނާކުރުމާއި، ބައިނަލްއަޤުވާމީގޮތުން ސިއްޙީ ދާއިރާއަށް އަންނަ އިންޤިލާބީ ބަދަލުތަކާއި ދޭދޭ ޤައުމުތަކުގެ ދެމެދުގައި ކުރިމަތިވަމުންދާ އެކި ކަންކަމަށް މިސަމިޓުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

‎މި މަހުގެ 11 އިން 13 އަށް ޔޫއޭއީގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.