ޚަބަރު

ސަރުކާރުގެ މަސައްކަތުގެ ނިޒާމުގެ ތަރައްޤީއަށް ޔޫއޭއީގެ އެހީތެރިކަން ހޯދުމާއި ގުޅޭ އެއްބަސްވުން އާކުރައްވައިފި


ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކުރައްވައިފިއެވެ.

މި އެއްބަސްވުން އާކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ޔޫއޭއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ ހަވާސާގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޟްއެވެ. އަދި ޔޫ.އޭ.އީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޮރ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، ޢަބްދުﷲ ނަޞީރު ލޫތާއެވެ.

މިއީ ޔޫ.އޭ.އީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް، ޖީ.އީ.އީ.ޕީގެ ދަށުން ޔޫ.އޭ.އީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އައުކުރެވުނު މި އެއްބަސްވުމުގެ ދަށުން ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

ދެ ޤައުމުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ދިވެހިރާއްޖެއިން ވަނީ ޔޫ.އޭ.އީ ސަރުކާރުގެ ޖީ.އީ.އީ.ޕީގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށެވެ. ޖީ.އީ.އީ.ޕީގެ ދަށުން މިހާތަނަށް ހިންގުނު ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނެއެވެ.

ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރު އެޤައުމުގައި ބޭއްވި ވަރލްޑް ގަވަރމަންޓް ސަމިޓުގެ ހަވާސާގައެވެ.