ޚަބަރު

ހައުސް ޕްލާޒާ އަލިފާނުގެ ޙާދިސާ: 35 މީހެއް އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި


  • 55 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވޭ

  • އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ މ. ހައުސް ޕްލާޒާގައި

މިދިޔަ އާދިއްތަ ދުވަހު މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ވަގުތީ ބޯހިހިޔާވަހިކަމަށް ބަދަލުކުރި ފަރާތްތަކުގެ ތެރެއިން 35 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކުރެވޭނީ އެތަންތަން މަރާމާތުކޮށްގެންކަމަށެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ ދެ ގެއިން 55 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރިއެވެ.

މިމަހުގެ 9 ވަނަ ދުވަހު މ. ހައުސް ޕްލާޒާގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. މި ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ އެހެން ބައެއް އިމާރާތްތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ މި ޙާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާކަމަށެވެ. އަދި އެ ދެ ގޭގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 55 ފަރާތެއް ވަނީ ފާހަގަކުރެވިފައިވެއެވެ. އެއީ 35 ދިވެހިންނާއި 20 ބިދޭސީންނެވެ.

ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ 55 މީހުންގެ ތެރެއިން 20 މީހުން އަމިއްލަ ގެތަކަށް މިހާރު ވަނީ ބަދަލުވެފައެވެ. ބާކީ ތިބި 35 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާކަމަށާއި އެމީހުން އަމިއްލަ ގޭތަކަށް ބަދަލުކުރެވޭނީ ގެއްލުން ލިބިފައިވާ ފެންހޮޅިތައް މަރާމާތު ކުރުމަށްފަހުގައިކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންގެ ޒަރޫރީ ބޭނުންތަކަށް މިވަގުތު ޚަރަދު ކުރަމުންދަނީ ސަރުކާރުންނެވެ.

ޝީ ބިލްޑިން ކުރިމަތީގައި ހުންނަ ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 6:35 ހާއިރުއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ހެނދުނު 07:47 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.

މ. ހައުސް ޕްލާޒާގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ޙާދިސާތަކެއް ހިނގާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.