މިއަހަރުގެ ރަމަޟާން މަހު ލ.މާވަށުގެ ސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ނަމާދު ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައި އެޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާވަށު ކައުންސިލުން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެރަށުގައި ހުރި 3 މިސްކިތަށް ނަމާދަށް ދާ ދަރިވަރުންގެ ހާޒިރީ ބަލަހައްޓާނެކަމަށެވެ. އެގޮތުން ކޮންމެ ނަމާދަކަށް ބަންގިގޮވާ ވަގުތުން ފެށިގެން ގަމަތް ދޭ ވަގުތާ ހަމައަށް ނަމާދަށް އަރާ ކުދިންގެ ހާޒިރީ އިމާމުން ބަލަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް ކޮންމެ ނަމާދަކަށް ދާ ދަރިވަރުން ގުރުއަތަށް ދާނެކަމަށާއި އެ ކުދިންގެ ތެރެއިން ވަނަވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ފަތިސް ނަމާދު ވަގުތުން ފެށިގެން 40 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ކޮންމެ ނަމާދު ވަގުތަކަށް ހާޒިރުވެ މުޅި މުއްދަތުގައި ނަމާދު ފުރިހަމަ ކުރާ ކުދިންގެ ތެރެއިން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. ދެވަނަ އަށް ހޮވޭ ކުއްޖަކަށް 3000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ކުއްޖަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަނަތަކަށް ހޮވޭ ކުދިންގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ކުއްޖަކަށް ވެސް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އެރަށުގައި ނަމާދު ޕްރޮގްރާމެއް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އެރަށުގެ ޖަމްޢިއްޔާއަކުންނެވެ.