ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ވޯލްޑް ގަވަމަންޓް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
ޔޫއޭއީގައި މިމަހުގެ 11 އިން 13އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވޯލްޑް ގަވަމަންޓް ސަމިޓުގެ ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މިސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
"ވޯލްޑް ގަވަމަންޓް ސަމިޓް 2024"ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.