ޚަބަރު

ރަށު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބާއްވާ "ރަށު އެކްސްޕޯ"ގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް އީޓުކުރި


  • އެކްސްޕޯގެ ހުރިހާ ލޮޖިސްޓިކްސް އޮޕަރޭޝަންތައް ބަލަހައްޓާނީ އީޓުކުރީގެ ފަރާތުން

  • އެކްސްޕޯ އޮންނަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ "ރަށު އެކްސްޕޯ"ގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް މޯލްޑިވްސް ޕޯސްޓްގެ އީޓުކުރި ހަމަޖައްސައިފިއެވެ.

ރާއްޖެ އިޝްތިހާރުކުރާ މާކެޓިން އެންޑް ޕީއާރު ފާމެއްކަމަށްވާ "ދި ޓްރެވަލް ގައިސް"ގެ ފަރާތުން ބާއްވާ މި އެކްސްޕޯ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ޓްރެވަލް ގައިސްއިން ބުނީ އެކްސްޕޯގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް އީޓުކުރި ހަމަޖެހިގެންދިއުމާއެކު އެކްސްޕޯގެ ހުރިހާ ލޮޖިސްޓިކްސް އޮޕަރޭޝަންތައް ބަލަހައްޓާނީ އީޓުކުރީގެ ފަރާތުން ކަމަށެވެ.

ޓްރެވަލް ގައިސްއިން ބުނީ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 70 އަށްވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށެވެ. އަދި ރަށު އެކްސްޕޯގައި ލައިވް މިޔުޒިކްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަވީރުތައްވެސް ކުރިއަށްދާނެކަމަށް ޓްރެވަލް ގައިސްއިން ބުނެއެވެ.

ޓްރެވަލް ގައިސްއިން ބުނީ މި އެކްސްޕޯގައި ރަށްރަށް އިޝްތިހާރުކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ދައުވަތު ދީފައެވެ. މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ރަށްރަށުގެ ސަގާފަތް އިޝްތިހާރުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ޓްރެވަލް ގައިސްއިން ބުނެއެވެ.