ޚަބަރު

އަމީނީ މަގު މަރާމާތުކުރަމުންދާ ސަރަޙައްދުގައި ތާރު އަޅައިފި، ވަރަށް އަވަހަށް ހުޅުވާލާނެ


  • މަރާމާތުކުރަމުންދަނީ ސެގްމަންޓް 11،12 ގެ ލޭނެއް

  • މަގު އަވަހަށް ހަލާކުވީ ތާރު ރަނގަޅަށް ނުހިކެނީސް ދުއްވަން ހުޅުވާލުމުން

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކޮށް ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ވިދާޅުވީ، މަގުގެ އެސެސްމަންޓްތައް ނިމުމާއެކު އިމާރާތްކުރުމާ ބެހޭ ވުޒާރާއިން އެ ސަރަޙައްދު އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާނެކަމަށެވެ.

އަމީނީ މަގުގައި ތާރުގަނޑު މަރާމާރުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުން އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައެވެ.

އަމީނީ މަގުގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް އަޑިގުޑަންވެ ހަލާކުވުމުގެ ސަބަބުން، އެ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ސެގްމަންޓް 11 އަދި 12 ސަރަޙައްދުގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއް ތެރޭ މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.

އަމީނީ މަގުގެ އެ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީން މިހާރު މިވަނީ ނިންމާލާފައެވެ. އަމީނީ މަގުގައި މަރާމާތުކުރަމުންދާ ސަރަޙައްދު މިފަހަރު ހުޅުވާލާނީ ތާރު އަޅާ، ތާރު ރަނގަޅަށް ހިކުމުންކަމަށް އާރްޑީސީން ވަނީ ވިދާޅުވެފައެވެ. މަގު ހުޅުވާލުމާ ގުޅޭގޮތުން އެ ކުންފުނިން ވިދާޅުވީ، ތާރު އަޅާ ނިމުމުން މިހާރު ކުރިއަށްދަނީ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސެސްމަންޓްގެ މަސައްކަތްތައްކަމަށެވެ.

އެ މަސައްކަތް ނިމި، މަގުގައި ޓްރެފިކާ ގުޅޭ ކުރެހުންތައް ނިންމުމަށްފަހު ވަރަށް އަވަހަށް މަގު، އާއްމު ދަތުރުފަރުތަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މަގުގެ މަސައްކަތްތައް ލަސްވެގެން ދިޔަ ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރަނީ މަގުގެ މަސައްކަތް ފެށި ދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން ކުރިމަތިވި ބައެއް ލަސްތަކެވެ.

ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފަވެއެވެ. އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.