ޚަބަރު

ދައުލަތަށް ނުދައްކާހުރި ބިދޭސީންނާއި ގުޅޭ ފީތަކުން 1.1 ބިލިޔަން ރުފިޔާ ހޯދުނު: ވަޒީރު އިޙްސާން


  • ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރާ

  • ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާކަމަށް.

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ގުޅޭގޮތުން ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ގެނެސްދޭ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްތަކާ ބިދޭސީންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 44000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރާކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާކަމަށެވެ.

އެ ވުޒާރާގެ އެހެނިހެން މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއެކު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިދިޔަ އަހަރު 1.2 ބިލިޔަން ރުފިޔާގެ ޑްރަގް ހުއްޓުވާފައި. އަތޮޅުތަކަށް ޚާއްސަކޮށްގެން ޑްރަގް ނައްތާލުމަށް ޚާއްސަ މަސައްކަތްތަކެއް އެބަކުރަން . މިގޮތުން މިދިޔަ އަހަރު 1 އަތޮޅު އެއްކޮށްކަހަލަ ގޮތަކަށް ނިންމާލައިފިން ފުވައްމުލައް ސިޓީގައި ޑްރަގް ކެފޭތައް ހަދައިގެން ވިއްކުން ހުއްޓުވާ އެކަންކަން ކުރަމުން އައި މީހުން ހައްޔަރުކޮށްފި. އެންމެ އިސްކޮށްތިބި މީހުން ހައްޔަރުކޮށް އަދަބު ދެމުންދާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހާއި ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމަށް ބޭނުންވާ ޤަނޫނާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. ވަޒީރު ވިދާޅުވީ މިފަދަ ޤާނޫނުތަކަކީ މީގެ ކުރިން އޮތް ޤާނޫނުތަކެއްނަމަވެސް މިފަދަ މައްސަލަތަކަށް ހައްލު އައިސްފައި ނުވާކަމަށެވެ. އެހެންކަމުން މިފަހަރު އެކުލަވާލާ މި ޤާނޫނުތަކާއެކު މިފަދަ މައްސަލަތަކަށް ފިޔަވަޅު އެޅުމަށާއި ހައްލުކުރުމަށް ބޮޑު ބާރަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.